ކޯވިޑް-19

ކޯވިޑް-19 : ބަލި ޖެހިގެން މަރުވި މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް


ކޯވިޑް-19 ޖެހިގެން މުޅި ދުނިޔެއިން މަރުވި މީހުންގެ ޢަދަދު މިލިއަނަކަށްވުރެ މައްޗަށް އަރައިފިއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ، ޑަބްލިޔު.އެޗް.އޯއިން އެންމެފަހުން އާއްމުކޮށްފައިވާ މަަޢުލޫމާތަށް ބަލާއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަސް ދުނިޔޭގެ 200 އަށްވުރެ ގިނަ ޤައުމަށް މިހާރު ވަނީ ފެތުރިފައެވެ. ކޯވިޑް-19 އެންމެ ހަލުވިކަމާއެކު މިހާރު ފެތުރެމުންދަނީ އެމެރިކާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި، ޔޫރަޕްގެ ޤައުމުތަކުގައެވެ.

ކޯވިޑް-19ގެ ދުނިޔޭގެ މިހާރުގެ ޙާލަތަށް ބަލާއިރު، މި ބަލި ޖެހިފައިވާ މީހުންނާއި، ބަލީގައި މަރުވި މީހުންގެ ޢަދަދުވެސް އެންމެ މަތީގައި އުޅެނީ އެމެރިކާގައެވެ. އެގޮތުން އެމެރިކާގައި 7.3 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، އެ ޤައުމުން އެކަނިވެސް ދެ ލައްކައަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 4.5 މިލިއަނަށް އަރާފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި 2.5 މިލިއަނަށްވުރެ ގިނަ މީހުން މިހާރުވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. އެމެރިކާގައި އެންމެ ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދަނީ ކެލިފޯނިއާ އާއި، ޓެކްސަސް އާއި، ފްލޮރިޑާ އަދި ނިއުޔޯކުގައެވެ.

ދުނިޔޭގެ ނިސްބަތުން ދެވަނައަށް ކޯވިޑް-19 އެންމެ ބޮޑަށް ފެތުރެމުންދަނީ އަވައްޓެރި އިންޑިއާގައެވެ. އިންޑިއާގައި މި ބަލި ޖެހުނު މީހުންގެ ޢަދަދު 6 މިލިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، ބަލީގައި ނިޔާވި މީހުންގެ އަދަދު މިހާރު ވަނީ 95 ހާހަށްވުރެ އިތުރުވެފައެވެ. އިންޑިއާއިން އެންމެ ގިނައިން މި ބަލި ޖެހިގެން ރިޕޯޓްކޮށްފައިވަނީ މަހާރަޝްތުރާ ސިޓީންނެވެ. އިންޑިއާގައި ހަލުވިކަމާއެކު މި ބަލި ފެތުރެމުންދިޔަ ނަމަވެސް އެ ޤައުމު ފާހަގަކުރެވިފައި ވަނީ ރިކަވަރީ ރޭޓްވެސް އެންމެ މަތީގައި އުޅޭ ޤައުމުގެ ގޮތުގައެވެ. އެގޮތުން މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 5 މިލިއަނަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި 96 ހާހަށްވުރެ ގިނަ މީހުން ދަނީ ފަރުވާ ހޯދަމުންނެވެ.

ތިންވަނައަށް މި ބަލި ޖެހިފައިވާ މީހުން އެންމެ ގިނައިން ފެނިފައި ވަނީ ބްރެޒިލުންނެވެ. އެ ޤައުމުން ބަލި ޖެހުނު މީހުންގެ ޢަދަދު 4.7 މިލިއަނަށް އަރާފައިވާއިރު، އެޤައުމުން އެއްލައްކަ ސާޅިސް އެއްހާހަށްވުރެ ގިނަ މީހުން މިހާތަނަށް މި ބަލީގައި ވަނީ މަރުވެފައެވެ. އިންޑިއާއެކޭ އެއްފަދައިން ބްރެޒިލްއަކީވެސް ރިކަވަރީ ރޭޓް މަތީގައި އުޅޭ ޤައުމެކެވެ. އެގޮތުން ބަލި ޖެހުނު މީހުންގެ ތެރެއިން 4 މިލިއަނަަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެފައިވެއެވެ. އަދި މި ވަގުތު ބައްޔަށް ފަރުވާ ހޯދާ މީހުންގެ ޢަދަދު އުޅެނީ ފަސްލައްކަ ތިރީސް ހާހަށްވުރެ މަތީގައެވެ.

މި ތިން ޤައުމުގެ އިތުރުން ކޯވިޑް-19ގެ ބަލިމަޑުކަން އެންމެ ބޮޑަށް ފެތުރެމުންދާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާ، ކޮލޮމްބިއާ، ޕޭރޫ، ސްޕެއިން އަދި މެކްސިކޯ އާއި އާޖެންޓީނާގެ އިތުރުން ސައުތު އެފްރިކާ ހިމެނެއެވެ. މުޅި ދުނިޔެއިން މިހާތަނަށް 33.3 މިލިއަން މީހުންނަށް މި ބަލި ޖެހިފައިވާއިރު، އޭގެ ތެރެއިން 24.6 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބަލިން ރަނގަޅުވެފައެވެ.