ކޯވިޑް-19

ކޯވިޑް-19 : އައި.ޖީ.އެމް.އެޗުގައި 100،000 އަށްވުރެ ގިނަ ޕީ.ސީ.އާރް ޓެސްޓް ހަދައިފި


އައިޖީއެމްއެޗުގައި ކޯވިޑް-19 ވައިރަސް ދެނެގަތުމަށް މިހާތަނަށް އެއް ލައްކައަށްވުރެ ގިނަ ޕީ.ސީ.އާރު ޓެސްޓު ހަދާފައިވާކަމަށް އެހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19 ވައިރަސް ހުރިތޯ ހަދާ ޕޮލިމަރައިޒް ޗެއިން ރިއެކްޝަން (ޕީ.ސީ.އާރް) ޓެސްޓު ހެދުމަށް ނޭފަތާއި ކަރު ތެރެއިން ސާމްޕަލް ނަގައިގެން ރާއްޖޭގައި އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށީ އައިޖީއެމްއެޗުގައެވެ. އެގޮތުން ރާއްޖެއިން ކޯވިޑް-19ގެ ކޭސްއެއް ފެނުމުގެ ކުރިން، ފެބްރުއަރީ މަހު މިޓެސްޓު ހެދޭނެ އިންތިޒާމު ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ސަރުކާރުންވަނީ އައިޖީއެމްއެޗުގައި ހަމަޖައްސަވާފައެވެ. އަދި 07 މާރޗް 2020 ގައި ކޯވިޑް-19ގެ ފުރަތަމަ ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނުނުފަހުން 24 ގަޑިއިރު މެދުނުކެނޑި ކޯވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ދަނީ ކުރަމުނެވެ.

މި މަސައްކަތް ފުރަތަމަ ފަށައިގަނެވިފައިވަނީ ޖުމްލަ 3 މުވައްޒަފުން ހިމެނޭ ޓީމަކުންނެވެ. އެހެންނަމަވެސް، ބަލި ޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށުމާއެކު، ޕީ.ސީ.އާރު ޓެސްޓިން ޓީމްގައި ހިމެނޭ މުވައްޒަފުންގެ ޢަދަދު އިތުރުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ. މިހާރު އައި.ޖީ.އެމް.އެޗްގައި ކޯވިޑް ޕީ.ސީ.އާރު ޓެސްޓް ހެދުމުގައި 22 މުވައްޒަފުންދަނީ މަސައްކަތް ކުރަމުންނެވެ.

އައި.ޖީ.އެމް.އެޗުގައި ކޯވިޑް ޕީ.ސީ.އާރު ޓެސްޓު ހެދުމުގެ މަސައްކަތް ފުރަތަމަ ފެށިއިރު، ޓެސްޓިންގ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 100 ޕީސީއާރް ޓެސްޓެވެ. ނަމަވެސް މިހާރު އެ ޢަދަދު ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރް ޓެސްޓަށް ވަނީ އިތުރުކޮށްފައެވެ. މިއީ ސާމްޕަލް އެކްސްޓްރެކްޓް ކުރުމަށްޓަކައި ޒަމާނީ މެޝިންތަކާއި ޕީ.ސީ.އާރު މެޝިންތައް އަދި ހަމައެހެންމެ އިތުރު މުވައްޒަފުންތަކެއް ތަމްރީން ކުރެވިގެން ދިޔުމުގެ ނަތީޖާކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް 143،472 ސާމްޕަލް ވަނީ ނަގާފައެވެ.