ކޯވިޑް-19

ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 75 މީހުން، ގިނައީ ބިދޭސީން


ރާއްޖެއިން އިތުރު 75 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަޙައްދުން 72 މީހަކު ޕޮޒިޓިވްވެފައިވާއިރު، އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 53 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9724 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ. މިއީ މިފަހުން އެއް ދުވަހެއްގެ ތެރޭގައި ދިވެހިންނަށްވުރެ ބިދޭސީން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ދުވަހެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 73 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 8261 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 26 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1424 އަށް އަރާފައިވާއިރު 686 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 107 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ށ. ފުނަދޫގައި 2 މީހަކަށާއި، ގއ.ވިލިނގިލީގައި 2 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހޮނިހިރުދުވަހު އިރުއޮއްސި 18:00 އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1204 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް 139،812 ސާމްޕަލް ވަނީ ނަގާފައެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 24 ރަށަކުންނާއި، 26 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 36 މީހަކަށާއި، 14 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 15 ފަތުރުވެރިއަކާއި، 39 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.