ކޯވިޑް-19

ކޯވިޑް-19 : ބަލިފެތުރޭ މިންވަރު ކޯންޓްރޯލްކުރުމުގައި ކުރިއެރުންތަކެއް ލިބުނަސް ފިޔަވަޅުތަކަށް އަދި ލުއިދެވޭކަށް ނެތް - ޑރ. ޝަޙީދު


ރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގައި އެދެވޭ ކުރިއެރުންތަކެއް ލިބެމުންދާކަމުގެ ނިޝާންތައް ފެންނަން ފަށާފައިވާކަމަށާއި، އެހެންނަމަވެސް އަދިވެސް ފިޔަވަޅުތަކަށް ލުއިދެވެންނެތްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަޙްމަދު ޝަޙީދު ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގައި ބަލާ މައިގަނޑު އަސާސްތަކާއި މިންކުރުންތަކަށް ފާއިތުވި ދެ ހަފްތާގެ ތެރޭގައި އެދެވޭ ކުރިއެރުންތަކެއް އައިސްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ.

ޑރ. އަޙްމަދު ޝަޙީދު ވިދާޅުވީ، އެޕިޑަކަމިކް ކޮންޓްރޯލްކުރުމުގައި ކޮންމެ ހަފްތާއަކުވެސް މޮނިޓަރކުރާ ކަންތައްތަކަށް އޯގަސްޓްމަހާ އަޅާބަލާފައި، ސެޕްޓެމްބަރ މަހުގެ ފުރަތަމަ 2 ހަފްތާގައި އެދެވޭ ބަދަލުތަކެއް އައިސްފައިވާކަމަށެވެ. އެގޮތުން ފްލޫ ކްލިނިކްތަކުން ޕޮޒިޓިވްވާ މީހުންގެ އިންސައްތަ އޯގަސްޓްމަހު އުޅުނީ 18 އާއި 20 އިންސައްތައާއި ދެމެދުކަމަށާއި، ނަމަވެސް ފާއިތުވި 2 ހަފްތާގައި އެ ޢަދަދު 13 އިންސައްތައިގައި ހިފެހެއްޓިފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

ކޯވިޑް-19އަށް ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ ޖާގަތަށް ބޭނުންކޮށްފައިވާ މިންވަރު ނުވަތަ ބެޑް އޮކިއުޕެންސީ ހުރި މިންވަރަށް ބަލާއިރު އޯގަސްޓްމަހު ކޭސްތައް އެންމެ އިތުރުވި ދުވަސްވަރު އެ އިންސައްތަ 80 އިންސައްތައިގައި ހުރިކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. ނަމަވެސް ސެޕްޓެމްބަރ މަހުގެ ފުރަތަމަ 2 ހަފްތާގެ ޓްރެންޑްސްއަށް ބަލާލާއިރު އެ ޢަދަދުވެސް ދަށްވެ، އެޑްމިޓްކުރެވޭނެ ޖާގަ އިތުރުކުރެވިފައިވާކަމަށާއި، އެއީ ކުރިއެރުމެއްކަމަށްވެސް ޑރ.ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން އެއްވެސް ކްލަސްޓަރއަކާ ގުޅުމެއްނެތް ކޭސްތައްވެސް އޯގަސްޓްމަހާ އަޅާބަލާއިރު ފާއިތުވި 2 ހަފްތާގައި 30 އިންސައްތައާއި 35 އިންސައްތައާ ދެމެދު ހިފެހެއްޓިފައިވާކަމަށާއި، ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދެގުނަވާން ނަގާ މުއްދަތުވެސް އޯގަސްޓްމަހާ އަޅާބަލާއިރު، ފާއިތުވި ދުވަސްތަކުގައި ލަސްކުރެވިފައިވާކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ.

މި ހުރިހާކަމަކަށް ބަލައި ކޮންމެ ހަފްތާއަކުވެސް އެޕިޑަމިކް މޮނިޓަރކުރުމުގައި ދޭ ޖުމްލަ ސްކޯރ މިދިޔަ އޯގަސްޓްމަހާ އަޅާބަލާއިރު، ސެޕްޓެމްބަރ މަހުގެ ފުރަތަމަ 2 ހަފްތާގައި ދަށްކުރެވިފައިވާކަމަށް ޑރ. އަޙްމަދު ޝަޙީދު ވިދާޅުވިއެވެ.

"ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމާއި އަދި ރައްޔިތުންވެސް ފިޔަވަޅުތަކަށް ދިން ތަރުހީބާއި، އެއާއެއްގޮތަށް ޢަމަލުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް އެބަފެނޭ އެދެވިގެންވާ ބަދަލުތަކެއް އަންނަތަން. އެގޮތުން ބަލާލާއިރު ފްލޫ ކްލިނިކްސްތަކުން ޕޮޒިޓިވްވާ އަދަދު އޯގަސްޓާއި އަޅާބަލާފައި ދަށަށް އެބަދޭ. ވީކްލީ ސްކޯރ ކޮންމެސްވަރަކަށް އޯގަސްޓްއާއި އަޅާބަލާފައި މިވަނީ ދަށްވެފައި. 6 އަކާއި 7 އަކާ ދެމެދު މިހާރު މިހުރީ. ކޮންމެވެސް ވަރަކަށް ސްޓޭބަލް ކުރެވިފައި" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ، މިހާރުގެ ޙާލަތަށް ބަލައި ނަންބަރުތައް ދަށަށްދާކަމަށް ބުނަން އަދިވެސް އަވަސްކަމަށެވެ. އަދި އެޗް.ޕީ.އޭއިން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަދި ލުއިކުރެވެން ނެތްކަމަށާ، މިވަގުތު މުހިންމީ ބަލި ފެތުރުން ކޮންޓްރޯލްކުރުމުގައި މި ލިބޭ ކުރިއެރުން މިގޮތުގައި ދެމެހެއްޓުންކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.

"އަދިވެސް މި ނަންބަރުތައް ދަށަށް ދަނީއޭ ބުނަން އަވަސް. އަޅުގަނޑު ދަންނަވާނީ އަދަދުތައް ސްޓޭބަލްވަނީއޭ. ނުވަތަ އެއްވަރެއްގައި ހިފެހެއްޓެނީއޭ. މިހާރު އެޗް.ޕީ.އޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ދުލެއް ދެވޭކަށް އަދި ނޯންނާނެ. އަދި ރައްޔިތުންވެސް މި ފިޔަވަޅުތަކާ ދޭތެރޭގައި އެއްގޮތަކަށްވެސް ފަރުވާ ކުޑަކޮށްގެން ކަމަކު ނުދާނެ. މި ޢަދަދުތަކާ މީހުންގެ ބިހޭވިޔަރއާއި މިވަނީ ވަރަށް ބޮޑަށް ގުޅިފައި" ޑރ. ޝަހީދު ވިދާޅުވިއެވެ.

ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. އަޙްމަދު ޝަހީދު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ކޯވިޑް-19އަށް ލިބޭ ދާއިމީ ޙައްލެއް ނޫންކަމަށެވެ. ނަމަވެސް މި ފިޔަވަޅުތައް އަޅާފައި މިވަނީ ކޯވިޑް-19އާއެކު ދިރިއުޅުން ކުރިއަށްގެންދިއުމަށްޓަކާކަން ޑރ. ޝަހީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން ސްކޯރ މިއަށްވުރެވެސް ދަށްކުރެވުނަސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާމެދު އެއްވެސް ރައްޔިތަކު ފަރުވާ ކުޑަކޮށްގެން ނުވާނެކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ކޯވިޑް-19އަށް ދާއިމީ ފަރުވާއެއް ލިބެންދެން ކޮންމެ މީހަކުވެސް މި ފިޔަވަޅުތަކާއެކު އުޅެން ދަސްކުރަންޖެހޭކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ.