ކޯވިޑް-19

ކޯވިޑް-19 : އެއްވެސް މީހަކު ޕޮޒިޓިވްވެގެން އެޗް.ޕީ.އޭއަކުން މެސެޖެއް ނުކުރާނެ - ޑރ.ނަޒްލާ

އެއްވެސް މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެމީހަކަށް މެސެޖެއް ނުކުރާނެކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗް.އީ.އޯ.ސީ)އިން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށްބުނެ ބައެއް ފަރާތްތަކަށް މެސެޖުތައް ލިބެމުންދާކަން އެ ސެންޓަރުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. ނަމަވެސް އެޗް.ޕީ.އޭގެ ފަރާތުން އެއްވެސް މީހެއްގެ ސާމްޕަލް ޕޮޒިޓިވްވެގެން، އެކަން އެސް.އެމް.އެސް މެދުވެރިކޮށް ނާންގާނެކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ބައްޔަށް ޕޮޒިޓިވްވިކަން އަންގަނީ އައި.ޖީ.އެމް.އެޗްގެ ކްލިނިކަލް މެނޭޖްމަންޓް ޓީމް، ސީމެޓްގެ ފަރާތުން ކަމަށެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ ކަންކަމަށާއި، އައިސޮލޭޝަނަށް ގެންދިއުމާއި މީހުން ކަރަންޓީން ކުރުމާގުޅޭގޮތުން ގުޅާނީ އެޗް.އީ.އޯ.ސީގެ ފަރާތުންކަމަށްވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"އެޗް.ޕީ.އޭއަކުން އެއްވެސް އިރެއްގައި ޕޮޒިޓިވްވެގެނެއް އެއްވެސް މީހަކަށް މެސެޖެއް ނުކުރާނެ. އެކަން އަންގާނީ އައި.ޖީ.އެމް.އެޗްގެ ސީމެޓްގެ ފަރާތުން ފޯނުން ގުޅައިގެން. އަދި ކޮންޓެކްޓް ޓްރޭސިންގެ ކަންކަމާއި އައިސޮލޭޝަންގެ ކަންކަމަށް އެޗް.އީ.އޯ.ސީގެ ފަރާތުން ގުޅާނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ވަރަށް މަދު ހާލަތެއްގައި ނޫނީ، ޕޮޒިޓިވްވެފައިވާ މީހަކު ޕޮޒިޓިވްނުވާކަމަށް ނުވަތަ ޕޮޒިޓިވްނުވާ މީހަކު ޕޮޒިޓިވެފައިވާކަން އެންގިފައިނުވާކަމަށެވެ. އަދި އެގޮތަށް އެކަން ދިމާވެފައިވަނީ އެއްވެސް ޙާލެއްގައި ޓެސްޓްކުރުމުގައި މައްސަލަތަކެއް އުޅޭތީ ނޫންކަމަށާއި، އެއީ ސާމްޕަލްތަކުގެ ނަތީޖާ ސިސްޓަމަށް އެންޓަރކުރުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން މެދުވެރިވި ޙާލަތްތަކެއްކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

އެފަދަ ޙާލަތްތަކުގައިވެސް ނަތީޖާ އަލުން ޗެެކްކޮށް، އެކަމުގެ ޞައްޙަ މަޢުލޫމާތު އަންގަންވާ ފަރާތަކަށް އަންގަމުންދާކަމަށާއި، އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.