ޚަބަރު

އއ.އުކުޅަހު ހޯމްކަރަންޓީންގައި ހުރި 66 އަހަރު އަންހެނަކު ނިޔާވެއްޖެ


އއ.އުކުޅަހު ހޯމް ކަރަންޓީންގައި ހުރި އަންހެނަކު ނިޔާވެއްޖެއެވެ.

އއ.އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވީ ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ އަންހެނެއްކަމަށެވެ. އެމީހާ ނިޔާވެފައިވަނީ ރޭ 11 ޖަހާއެހާކަންހާއިރު ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިމީހާއަކީ މީގެ ދެ ދުވަހެއްކުރިން މާލޭގައި ހުރުމަށްމަށްފަހު ރަށަށް ދިޔަމީހެއްކަމަށާއި، މިމީހާ ރަށަށް ގޮސްފައިވަނީވެސް ހިތުގެ ސާޖަރީއެއް ހެދުމަށްފަހުކަމަށެވެ. މި އަންހެން މީހާއަކީ އެކި ބަލިތަކަށް ފަރުވާ ހޯދަމުންދިޔަ މީހެއްކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ.

ކައުންސިލްގެ ރައީސް ވިދާޅުވީ މިމީހާ މީގެ ދެދުވަހެއް ކުރިން މާލެ އިން ރަށަށް ގޮސްފައިވަނީވެސް ކޯވިޑަށް ޓެސްޓް ކުރުމަށްފަހުކަމަށެވެ. އެޓެސްޓްގެ ނަތީޖާވަނީ ކޯވިޑަށް ނެގެޓިވްވެފައެވެ. އަދި މިމީހާ ރަށަށް ދިއުމުގެ ކުރިންވެސް އަދި ރަށަށްދިޔަފަހުންވެސް ކޯވިޑްގެ އެއްވެސް އަލާމާތެއް ހުރިކަން ފާހަނގަވެފައި ނުވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. ނަމަވެސް މިމީހާއަކީ ހޯމް ކަރަންޓީންގައި ހުރި މީހަކަށްވުމުން އެޗްއީއޯސީއާއި ރަށުގެ ސިއްޙީ މަރުކަޒު ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ކޯވިޑް-19 އަށް އަތޮޅުތެރެއިން ގިނަބަޔަކު ޕޮޒިޓިވް ވަމުންދާއިރު، މިހާތަނަށް އއ.އުކަޅަހުން ކޯވިޑްގެ އެއްވެސް ކޭސްއެއް ފެނިފައިނުވެއެވެ. ކައުންސިލް ރައީސް ވިދާޅުވީ ކޯވިޑުން ރައްކާތެރިވުމަށް ރަށުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިގެން މަސައްކަތް ކުރަމުންދާކަމަށެވެ.