ކޯވިޑް-19

ކޯވިޑް-19 : ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 9000 އަށްވުރެ މައްޗަށް


ކޯވިޑް-19އަށް އިތުރު 62 ޕޮޒިޓިވްވެ، ރާއްޖޭގައި ބަލިޖެހުނު މީހުންގެ ޢަދަދު 9000 އަށްވުރެ މައްޗަށް އަރައިފިއެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 62 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 51 މީހަކާއި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން ޕޮޒިޓިވިވްވި 11 މީހެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 62 މީހުންގެ ތެރެއިން 44 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 18 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9052 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 209 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 7055 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 24 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 31 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 1960 އަށް އަރާފައިވާއިރު، 908 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 116 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި ދެ މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އެ ދެމީހުންވެސް އޮތީ ވެންޓިލޭޓަރުގައެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 3 މީހަކަށް އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، ޕްރައިވެޓް ވޯޑް-5 ގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 103 މީހަކަށް މިވަގުތު ފަރުވާ ދެމުންދާއިރު، އޭގެ ތެރެއިން 100 މީހުންނަށް ފަރުވާދެމުންދަނީ ވޯޑުގައެވެ. އަދި 3 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

އަތޮޅުތަކުގެ ރީޖަނަލް ކޯވިޑް ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންދާ މީހުންނަށް ބަލާއިރު، ބ. އޭދަފުށީ ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލި ކޯވިޑް ފެސިލިޓީގައި 4 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މި އެންމެންނަށްވެސް ފަރުވާ ދެމުންދަނީ ވޯޑުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1094 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 129،055 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ، މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 28 ރަށަކުންނާއި، 26 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 13 ފަތުރުވެރިއަކާއި، 39 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 90 ދިވެއްސަކަށާއި، 18 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެލި އަދި ނ. މަނަދޫއެވެ.