ސިއްހަތު

މިލަންދުއާއި ހިންނަވަރު ހެލްތު ސެންޓަރުގެ އައު އިމާރާތާއި، ވިލިފުށީ އައު ހޮސްޕިޓަލުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަނީ


ށ. މިލަންދުއާއި ޅ. ހިންނަވަރު ހެލްތު ސެންޓަރުގެ އައު ޢިމާރާތާއި، ވިލިފުށީ އައު ހޮސްޕިޓަލު ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިިއެވެ.

މިލަންދުއާއި ހިންނަވަރުގެ ހެލްތު ސެންޓަރުގެ އައު ޢިމާރާތައި، ވިލިފުށީގައި އަޅާ އައު ހޮސްޕިޓަލު ޢިމާރާތްކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެކަމަށް އެދިހުށައެޅުމުގެ ފުރުޞަތު 25 އޮކްޓޯބަރުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މި މަސައްކަތްތަކަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދާނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ، އައި.ސީ.ޓީ، އުސޫލުންކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކޮށްފައިވާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް ފަނަރަ ސަތޭކަ ރުފިޔާ ނުވަތަ 100 ޔޫ.އެސް ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.

ށ. މިލަންދޫއާއި ޅ. ހިންނަވަރު ހެލްތު ސެންޓަރުގެ އައު އިމާރާތާއި، ވިލިފުށީ އައު ހޮސްޕިޓަލު ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޮންމެ މަޝްރޫޢުއަކަށް 1.3 މިލިއަން ރުފިޔާއެވެ. މި 3 މަޝްރޫޢުވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުންނެވެ.

މި 3 މަޝްރޫޢުގެ އިތުރުންވެސް އަތޮޅުތަކުގެ ޞިއްޙީ މަރުކަޒުތަކާއި، ހޮސްޕިޓަލުތަކާގުޅުންހުރި ގިނަ މަޝްރޫޢުތަކަކަށް ކޮންޓްރެކްޓަރުން ހޯދުމަށް ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ އިޢުލާންކޮށްފައެވެ. މީގެ ތެރޭގައި، އއ. ރަސްދޫ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން މަސައްކަތާއި، އދ. މާމިގިލީ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި، ހއ. އިހަވަންދޫ ހެލްތު ސެންޓަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަލް އައު ޢިމާރާތުގެ މަސައްކަތާއި، ބ. އޭދަފުށި އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަންގެ މަސައްކަތާއި، ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލް އައު ޢިމާރާތުގެ މަސައްކަތްވެސް ހިމެނެއެވެ.

ހަމައެހެންމެ ހދ. ކުޅުދުއްފުށީގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތާއި، ގދ. ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތްކުރުމުގެ މަސައްކަތް އަދި ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށްވެސް ފިނޭންސް މިނިސްޓްރީން ދާދިފަހުން ވަނީ އިޢުލާންކޮށްފައެވެ. މި ހުރިހާ މަޝްރޫޢުތަކަކީވެސް ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ކުރިއަށްގެންދިއުމަށް ނިންމާފައިވާ މަޝްރޫއުތަކެކެވެ.