ޚަބަރު

މަނާ ވަގުތުގައި ވެހިކަލް ދުއްވި 500އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފި


ރޭގަނޑު 8:00ގެ ފަހުން ވެހިކަލްގައި އުޅުން މަނާކުރި ފުރަތަމަ 2 ހަފްތާގައި 500އަށްވުރެ ގިނަ މީހުން ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރޭގަނޑު 8:00 އިން ފަތިހު 5:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މާލެ ސަރަޙައްދުގައި މަނާކޮށްފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 22ވަނަ ދުވަހުން ފެށިގެންނެވެ. މިގަޑިތަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވަނީ ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، މީހުން އެއްވެއުޅުން ވީހާވެސް މަދުކުރުމަށްޓަކައި ކަމަށް ނޭޝަނަލް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ވިދާޅުވެފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ ކުރިން ރޭގަނޑު 10:00އިން ފަތިހު 05:00އަށް ފައިމަގުގައިވެސް ބޭރުގައި އުޅުން މަނާކުރުމަށްފަހުގައެވެ. ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ޢަމަލުނުކުރާ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރަންވެސް ވަނީ ފަށާފައެވެ. ޖޫރިމަނާކުރަނީ ފުރަތަމަ ފަހަރު ނަސޭހަތް ދިނުމަށްފަހު، ކުށް ތަކުރާރުވާނަމައެވެ.

ފުލުހުން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، 22 އޮގަސްޓުން ފެށިގެން 4 ސެޕްޓެމްބަރާއި ހަމައަށް 550 މީހަކު މަނާ ވަގުތުގައި ބޭރުގައި އުޅުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވެއެވެ. އަދި 1143މީހުންނަށް ނަސޭހަތްދީފައިވާކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 22 އޮގަސްޓުން ފެށިއިގެން ފުރަތަމަ ހަފްތާގައި ޤަވާއިދާ ޚިލާފުވި 777 މީހަކަށް ނަސޭހަތްދީ، 348 މީހަކު ޖޫރިމަނާކޮށްފައިވެއެވެ. އަދި 2ވަނަ ހަފްތާގައި 366 މީހުންނަށް ނަސޭހަތްދީ، 202މީހުން ޖޫރިމަނާކޮށްފައިވެއެވެ.

ކޯވިޑް-19އިން ރައްކާތެރިވުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޗްޕީއޭއިންވަނީ އަޅާފައެވެ. އެގޮތުން މަގުމަތީގައާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނިކުންނައިރު މާސްކް ބޭނުންކުރުންވަނީ މަޖުބޫރުކޮށްފައެވެ. މި އުސޫލާ ޚިލާފުވާ ފަރާތްތައްވެސް 1000 ރުފިޔާއިން ޖޫރިމަނާކުރެއެވެ.

މީގެއިތުރަށް މަގުމައްޗަށް ނިކުމެ އުޅުމާއި އެއްވެ އުޅޭއިރު 5 މީހުންނަށްވުރެ ގިނަ މީހުން އެއްވެ ނޫޅުމަށްވެސް އެޗްޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.