ތަރައްްޤީ

ކުޑަރިކިލު، ކިހާދޫ، ދޮންފަނު : ލަފާފުރުމުގައި، އުފުލި ޒަމާންވީ ތަކުލީފު ނިމުމަކަށް


ކުޑަރިކިލު، ކިހާދޫ، ދޮންފަނު، މި 3 ރަށުގެ ރައްޔިތުން ކަނޑު ގަދަވެ މޫސުން ގޯސްވާ ކޮންމެ ފަހަރަކު އޮޑިވެރިން ހޭލާތިބެން ޖެހޭ ޖެހުން ނިމުމަކަށް އަންނާނީ ބަނދަރެއް ހެދިގެންކަމަށް އެރަށުގެ ރައްޔިތުން ގާތުގައި ބަނދަރުގެ ވާހަކައެއް އަހާލައިފިޔާ ބުނެއެވެ. މިކަމަށް ސަރުކާރުން ހައްލެއް މިއަދު މިވަނީ ހޯދަވައިދެއްވާފައެވެ.

ކުޑަރިކިލާއި ކިހާދުއާއި ދޮންފަނުގެ ރައްޔިތުންގެ އެންމެ ބޮޑު އެއްކަންބޮޑުވުމަކީ، ލަފާ ފުރޭނެ ރަގަޅު ބަނދަރެއް ނެތުމެވެ. މި 3 ރަށުގެ ރައްޔިތުންވެސް މޫސުން ގޯސްވެ ކަނޑުގަދަވާ ދުވަސްތަކުގައި އޮޑިވެރިން ހޭލާ އޮޑިދޯނިފަހަރު ބަލަން ތިބޭޖެހޭކަމަށް އެމީހުން ވަނީ ބުނެފައެވެ. އެމީހުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތް ކުޑަރިކިލު ފަޅު ފުންކޮށް އެއްގަމު ވާޓަރެއް ލާފައިވަނީ 2001ވަނަ އަމިއްލަ ފަރާތަކުންނެވެ. ދިގުމިނުގައި 443 ފޫޓް އަދި ފުޅާމިނުގައި 214 ފޫޓް ހުންނަ މިބަނދަރަށް 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ ސަބަބުން ބަނދަރު ބޭނުންކުރުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އަންނަކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. އެގޮތުން އެރަށުގެ ބަނދަރުގެ ހާލަތު ބަޔާންކޮށްދީ ރަށުގެ ރައްޔިތުން ސޮއިކޮށް 2013ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައިވެއެވެ.

ސުނާމީގައި ކުޑަރިކިލު ބަނދަރަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބަނދަރުގެ ބައެއް މޫދަށް މޫދަށް ވެއްޓި އެއްގަމާވީ ފަޅިން ރަށުގެ ބޮޑު ބައެއް ވަނީ ގިރަން ފަށާފައެވެ. އަދި ބޭރު ތޮށި ހަލާކުވެފައިވާތީ ހުޅަނގު މޫސުމާއި، ކަނޑުގަދަ ދުވަސްވަރު ބޮޑެތި ރާޅުތައް ފަޅުތެރެއަށް ވަންނާތީ އެރަށަށް ލަފާފުރުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާންޖެހޭކަމަށް އެރަށުގެ އޮޑިވެރިންނާއި ބ.އަތޮޅުގައި ދަތުރުކުރާ ފަރާތްތަކުންވެސް ފާހަގަކުރެއެވެ.

މިކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން މެދުނުކެނޑި ކައުންސިލަށް ލިބެމުންދާއިރު، ކުޑަރިކިލު ކައުންސިލުން ވަނީ އެރަށުގެ ބަނދަރުގެ ހާލަތު ސަރުކާރާހަމައަށް ގެންގޮސް ރައީސުލް ޖުމްހޫރިއްޔާގެ ސަމާލުކަމަށްވެސް ގެންނަވާފައެވެ. ކުޑަރިކިލު ކައުންސިލްގެ ރައީސް ޢަބްދުލް ހަންނާނު އައްބާސް ވިދާޅުވީ ވާޓަރުން ބޮޑުބައެއް ވެއްޓި ރައްގިރަމުން ދާ ވާހަކަ އާއި އެރަށަށް ލަފާ ފުރުމަށާއި މުދާ ބޭލުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ސަރުކާރުގެ ސަމާލުކަމަށް މީގެ ކުރިންވެސް އެތައް ފަހަރަކު ގެނެސްފައިވާކަމަށެވެ.

އާބާދީގައި 495 މީހުން ދިރިއުޅޭ ބ.ކިހާދޫ ބަނދަރު ހަދާފައިވަނީ 1999 ވަނަ އަހަރުގެ ތެރޭގައި އަމިއްލަ ފާރާތަކާއި، އެރަށު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެންނެވެ.

ކިހާދޫ ބަނދަރުގެ އެއްގަމު ތޮށި ހަލާކުވެފައިވަނީ 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައެވެ. ބަނދަރު ހަލާކުވިތާ 14 އަހަރު ވެފައިވާއިރު ރައްޔިތުން ތިބީ ބަނދަރު ހެދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. ރައްޔިތުންގެ މި އުންމީދު ހަޤީޤަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ސަރުކާރުން މިވަނީ ދެއްވާފައެވެ.

ކިހާދޫ ކައުންސިލްގެ ރައީސް އިބްރާޙިމް ފަޒީލް ވިދާޅުވީ، ބަނދަރު ހަލާކުވުމުން ގެއްލުންވަނީ ހަމައެކަނި ކިހާދޫ ރައްޔިތުންނަށް އެކަނި ނޫންކަމަށައި، ކިހާދޫއަށް އެކިބޭނުންތަކުގައި އަންނަ މީހުންނަށް މިކަމުގެ ސަބަބުން ދަތިވާކަމަށެވެ. އަދި މީގެ ސަބަބުން އޮޑިދޯނިފަހަރަށްވެސް ބޮޑެތި ގެއްލުންތައް ވަމުންދާކަން ކިހާދޫ ކައުންސިލްގެ ރައީސްވަނީ ފާހަގަކޮށްފައެވެ.

ކިހާދޫގައި ކޯސްޓްލައިން ފައުޑޭޝާނުން ހިންގާ ޓިވެކް ސެންޓަރުގެ މަސައްކަތްތައް ބައްލަވައިލެއްވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގައި، ކިހާދޫގެ އާންމު ހާލަތު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމް ވިދާޅުވީ، އެރަށު ރައްޔިތުންނަށް މިހާރު ދިމާވެފައިވާ ދަތިތަކުގެ ތެރެއިން ބަނދަރުގެ ދަތިތަކަމަކީ ސަރުކާރުން އިސްކަމެއް ދީގެން ހައްލުކުރައްވާނެ ކަމެއް ކަމަށެވެ. ނާއިބުރައީސް ވިދާޅުވީ ކިހާދޫގެ ބަނދަރުގެ މައްސަލައަކީ މިހާރުން މިހާރަށްވެސް ހައްލުކުރަންޖެހޭ މައްސަލައެއްކަމަށް ސަރުކާރުން ދެކިލައްވާކަމަށާ، މިކަން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދޭކަމަށެވެ.

ބ.ދޮންފަނު ބަދަރަކީވެސް މި ދެރަށެކޭ އެއްގޮތައް މީގެ 15 އަހަރު ކުރިން ހަދާފައިވާ ބަނދަރެކެވެ.

އޭރު ރާއްޖެގައި ބަނދަރުނެތް މިކަހަލަ އާބާދީ މަދު ރައްތައް އެތައް ބައިވަރު އޮތެވެ. އެ ދުވަހު ދޮންފަނުން ރައްޔިތުންނަށް ބަނދަރެއް އޮތުމުގެ އުފާ ލިބުންނަމަވެސް މިއަދު އެބަނދަރު ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ. ތެޅިގަލުގެ ފާރެއްގެގޮތައް ފެންނަ މި ބަނދަރައް ކައިރިކުރާ ކޮންމެ ލޯޗުތަކާއި ދޯނިތަކުން އެދޯނި ނުވަތަ ލޯންޗް ވާޓަރުން ސަލާމްތަ ކުރުމަށް ތިރިކުރާ ފެންޑަރުތައްވެސް ފަޅައިގެން ގޮސް ގެއްލުން ތަކެއް ވަނީ ލިބިފައެވެ.

މިހެން އޮތުމުން ރައްޔިތުންގެ ޝަކުވާތައް މީގެކުރީގެ ސަރުކާރުތަކާ ހަމައަށްވަނީ ގެންގޮސްފައެވެ. އެހެންނަމަވެސް މިއަދާހަމައަށް އައިއިރުވެސް މިކަމަށް ހައްލެއް ލިބިފައި ނެތުމުން ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ގޮސްފައިވާކަމަށް ކައުސިލުން ވަނީ ފާހަގަކޮށްފައެވެ. ދޮންފަނު ބަނދަރު ފުންކުރުމުގެ މަސައްކަތް އަމިއްލަ ފަރާތަކުން ފަށާފައިވަނީ 1 ޖަނަވަރީ 2002 ގައެވެ. މިރަށު ބަނދަރު ހަދާފައިވަނީ އަމިއްލަ ވިޔަފާރިއެކެވެ. ބަނދަރުގެ މަސައްކަތް ނިންމާ ރައްޔިތުންގެ އޭރު ދެކެމުން އައި ހުވަފެން ހަޤީގަތަކަށްވެ ބޭނުން ކުރަން ފަށާފައިވަނީ އެއަހަރުގެ މޭމަހުގެ ތެރޭގައެވެ.

މި ގޮތައް މި ބަނދަރު ބޭނުން ކުރެވުނީ ދެއަހަރުދުވަހުއެވެ. 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިޘާގައި ބަނދަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިގެން ދިޔައެވެ. އެއަހަރުން ފެށިގެން އެކަން ކަން ހައްލުކޮށްދެއްވުމަށް އެދި ސަރުކާރުގައި އެދެމުން ދިޔަކަމަށާ، މިއަދާހަމައަށް އައިރުވެސް އެއްވެސް އަލިމަގެއް ފެނިފައި ނުވާކަމަށް ކައުންސިލުން ބުނެއެވެ.

ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް މި 3 ރަށުގެ ލަފާފުރުމުގެ މައްސަލައަށް ސަރުކާރުން މިވަނީ އުއްމީދު ގެނުވާފައެވެ. މި 3 ރަށުގެ ބަނދަރު ހެދުމަށް ބޭނުންވާ ސަރވޭ ހެދުމާއި، ޑިޒައިންކޮށް ބަނދަރު ހެދުމުގެ މަސައްކަތް ސަރުކާރުން ވަނީ އެމް.ޓީ ހޯގާޑް ޕްރައިވެޓް ލިމިޑެޓާ މިހާރު ވަނީ ޙަވާލުކޮށްފައެވެ. މި 3 ރަށުގެ ބަނދަރުގެ މަސައްކަތް ކުރުމަށް 108.3 މިލިޔަން ރުފިޔާއަށް އެ ކުންފުންޏާ ޙާވާލުކޮށްފައިވަނީ 381 ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫއަށް ފަންޑުކުރުމަށް ހަމަޖެހިފައިވަނީ އޯޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް)އިންނާއި ސަރުކާރުގެ ބަޖެޓުންކަަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އޮފިޑް އިން 77 އިންސައްތަ ޚަރަދުކުރާއިރު، 23 އިންސައްތަ ޚަރަދު ކުރަނީ ދިވެހި ސަރުކާރުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.