ކޯވިޑް-19

ކޯވިޑް-19 : އިތުރު 4 ސަރަަޙައްދެއްގައި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރަނީ


ރާއްޖޭގެ އިތުރު 4 ސަރަަޙައްދެއްގައި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19 ޖެހިފައިވާ މީހުން ދެނެގަތުމަށްޓަކާ މުޅި ރާއްޖެ އެކި ޒޯންތަކަކަށް ބަހާލައިގެން، ޓެސްޓިންގ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ، ހދ އަދި ށ، އަތޮޅު ހިމެނޭ ޒޯނުގައި، ދުވާލެއްގެ މައްޗަށް ޓެސްޓް ކުރެވޭ ކެޕޭސިޓީ މިވަގުތު 60 ގައި ހުރިއިރު، މި އަދަދު 200 އަށް އިތުރުކުރަން ނިންމާފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގައި 3 ތަނެއްގައި ޕީ.ސީ.އާރް ޓެސްޓް ކުރެވޭނެ އިންތިޒާމް މިހާރުވެސް ހަމަޖެހިފައިވާއިރު، މާދަމާ ހުޅުމާލޭ ހޮސްޕިޓަލުގައިވެސް ޕީސީ.އާރް ޓެސްޓިންގ ފަށާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި ޑަބްލިޔު.އެޗް.އޯގެ އެހީގައި ރާއްޖޭގެ 4 ސަރަޙައްދެއްގައި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އަދި މިހާރު ޑަބްލިއު.އެޗް.އޯގެ އެހީއާއެކު ލިބިފައިހުރި ޖީން-އެކްސްޕާޓް މެޝިންތައް އިންސްޓޯލްކޮށް ޓެސްޓްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ. ށ. ފުނަދޫ، ޅ. ނައިފަރު ގއ. ވިލިނގިލި އަދި ފުވައްމުލައް ސިޓީގައި. މިކަމަށް ބޭނުންވާ މެޝިންތައް މިހާރު އަޅުގަނޑުމެންނަށް ވަނީ ލިބިފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާ، މާލޭ ސަރަހައްދުގައި އެކްޓިވް ސަރވައިލަންސްގެ ކަންކަން ކުރިއަށްދާގޮތް ރިވައިޒްކޮށް، އެކްޓިވް ސަރވައިލަންސް ކުރާ ކެޓަގަރީތަކާއި ކުރެވޭ އަދަދުތަކަށް ވަރަށް އަވަހަށް ބަދަލުގެންނާނެކަމަށެވެ. އަދި މުޅި ރާއްޖެ ކަވަރކުރެވޭނެހެން ގައިޑްލައިނެއް ހަދައިގެން އެކްޓިވް ސަރވައިލަންސް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެކްޓިވް ސަރވައިލަންސްވެސް ކުރިއަށްދާނެ. އަތޮޅުތެރޭގައި އިތުރަށް އެކްޓިވް ސަރވައިލަންސް ވަރުގަދަކުރުމަށް ހަމަ މުޅި ރާއްޖެ ކަވަރވާގޮތަށް ޒޯންތަކަކަށް ބަހާލައިގެން ގައިޑްލައިނެއް ހަދައިގެން އޭގެ ދަށުން ޓެސްޓްކުރުމުގެ ކަންކަން ހަމަ ކުރިއަށްއެބަދޭ. އަދި މިހާރުގެ ހާލަތަށް ބަލާ މާލޭގައިވެސް އެކްޓިވް ސަރވައިލަންސް ކުރާ ކެޓަގަރީތަކާއި ކުރެވޭ އަދަދު އަޅުގަނޑުމެން ރިވައިޒްކުރުމުގެ މަސައްކަތް މި ދެދުވަސްތެރޭ މިކުރަނީ. ކުރިއަށްއޮތް ދެތިން ދުވަހެއްގެ ތެރޭގައި ރިވައިޒްޑް ގައިޑްލައިންގެ ތެރެއިން މިކަން ކުރެވޭނެ. ބޭނުމަކީ ބަލި އުޅޭ މިންވަރު ވަރަށް ރަނގަޅަށް ދެނެގަތުން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

އަތޮޅު ތެރޭގައި މިވަގުތު ކޯވިޑް-19ގެ ޓެސްޓިންގ ކެޕޭސިޓީ ހުރިގޮތަށް ބަލާއިރު، ނ، ރ، ބ އަދި ޅ، ހިމެނޭ ޒޯނުގައި ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 80 ޓެސްޓް ކުރެވޭނެއެވެ. ގްރޭޓަރ މާލޭ ސަރަޙައްދާއި، އއ، އދ އަދި ވ އަތޮޅު ހިމެނޭ ސަރަޙައްދުގައި 1000 އާއި، 1300 އާއި ދެމެދުގެ ޓެސްޓް ކުރެވޭއިރު، ފ، ދ، ތ އަދި ލ އަތޮޅު ހިމެނޭ ޒޯނުގައި ދުވާލަކު 40 ޓެސްޓް އަދި ގއ، ގދ އަތޮޅު ހިމެނޭ ޒޯނުގައިވެސް ދުވާލަކު 40 ޓެސްޓް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ފުވައްމުލަ ސިޓީއާއި، އައްޑޫ ސިޓީގައި މިހާރު ދުވާލަކު 60 ޓެސްޓް ކުރެވޭނެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ކުރެވޭނެ އިންތިޒާމް މިވަގުތު ހަމަޖެހިފައިވަނީ ކުޅުދުއްފުށި ސިޓީއާއި، ނ. މާފަރުގެ އިތުރުން އައްޑޫ ސިޓީގައެވެ. އަދި ބ. އޭދަފުށްޓާއި، ރ. އުނގޫފާރާއި، ގދ. ތިނަދޫ އަދި ލ. ގަމުގައި ޖީން-އެކްސްޕާޓް ކާޓްރީޖް ބޭނުންކޮށްގެން ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދުމަށް ބޭނުންވާ 45 ހާސް ކިޓް މިހާރު ސްޓޮކުގައި އެބަހުރިކަމަށާއި، ޖީން-އެކްސްޕާޓް ކާޓްރީޖްގެ އެގާރަ ހާސް ކާޓްރީޖް މިވަގުތު އެބަހުރިކަމަށްވެސް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.