ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ރަނގަޅުވި މީހަކު މިހާތަނަށް ދެވަނަ ފަހަރަށް ޕޮޒިޓިވް ވެފައެއްނުވޭ


ރާއްޖޭގައި ކޯވިޑް-19 ބަލިން ރަނގަޅުވި މީހަކު މިހާތަނަށް ދެވަނަފަހަރަށް އެ ބައްޔަށް ޕޮޒިޓިވް ވެފައި ނުވާކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ކްލިނިކަލް މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.މޫސާ މުރާދު ވިދާޅުވީ ބައްޔަށް ދެވަނަ ފަހަރަށް ޕޮޒިޓިވް ވުމަކީ، ދުނިޔޭގެ އެހެން ޤައުމުތަކަށް ބަލާއިރުވެސް ވަރަށް މަދު ޙާލަތެއްގައި ދިމާވެފައިވާކަމެއް ކަމަށެވެ. އެގޮތުން ކޮވިޑާއި ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުގައި މިހާތަނަށް ދެވަނަ ފަހަރަށް ކޯވިޑް-19 ޖެހިފައިވަނީ 5 މީހުންނަށް ކަމަށްވެސް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ޑރ.މޫސާ މުރާދު ވިދާޅުވީ ކޯވިޑް-19 ޖެހޭ މީހުންގެ ގައިގައި އެންޓިބޮޑީ ދިގު މުއްދަތަކަށް ހުންނަކަމަށާއި، ބަލިން ރަނގަޅުވާ ފުރަތަމަ 3 މަހު ވައިރަހުގެ އަސަރުކުރުން ވަރަށް ދުރުކަމަށެވެ.

"މަދުވެގެން ތިންމަސްވަންދެއް އެވަރެޖްކޮށް އެންޓިބޮޑީ ހަށިގަނޑުގައި ހުރޭ. ދެވަނަ ފަހަރަށް ބަލި ޖެހުމުގެ ފުރުޞަތު ވަރަށް ކުޑަ." ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ކޮވިޑް-19އަކީ މުޅިން އަލަށް ފެނުނު ބައްޔަކަށް ވުމުން މި ބައްޔާއިގުލޭ ގިނަ ދިރާސާތަކެއް މިހާރުވެސް ދަނީ ކުރިއަށެވެ. އަދި ދިރާސާތައް ކުރާ މިިންވަރު އިތުރުވަމުންދާވަރަކަށް، ބައްޔާގުޅޭ ގިނަ އާ މަޢުލޫމާތު ހާމަވާނެކަމަށް ޑރ.މޫސާ މުރާދު ވިދާޅުވިއެވެ.

ދުނިޔޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ކޯވިޑް-19 ޖެހުނު މީހުންގެ އަދަދުވަނީ 27 މިލިއަނަށްވުރެ އިތުރުވެފައެވެ. އަދި 9 ލައްކައަށްވުރެ ގިނަ މީހުންވަނީ ބަލީގައި ނިޔާވެފައެވެ. ރާއްޖެއިންވެސް 31 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 8800އަށްވުރެ އިތުރުވެފައެވެ.