ކޯވިޑް-19

ކޯވިޑް-19 : ހުޅުމާލޭ ހޮސްޕިޓަލާއި އެމް.އެފް.ޑީ.އޭގެ ލެބުގައި ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖައްސަނީ


ހުޅުމާލޭ ހޮސްޕިޓަލާއި، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ، އެމް.އެފް.ޑީ.އޭގައި ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ފާތުމަތު ނަޒްލާ ރަފީޤު ވިދާޅުވީ، ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ސެންޓަރުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އިތުރު ކިޓްތައް ހޯދުމާއި، އިތުރު ލެބޯޓްރީތަކުގައި ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް އެ ސެންޓަރުން ކުރަމުންދާކަމަށެވެ. މި މަސައްކަތްތަކުގެ ދަށުން ހުޅުމާލޭ ހޮސްޕިޓަލާއި، އެމް.އެފް.ޑީ.އޭގެ ލެބުގައި ޕީ.ސީ.އާރް ޓެސްޓް ހެދުމަށް ބޭނުންވާ ސެޓަޕްތައް ޤާއިމުކޮށް، އެތަންތަނުން ވަރަށް އަވަހަށް ޕީ.ސީ.އާރް ޓެސްޓް ހަދަން ފަށާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ހުޅުމާލޭ ހޮސްޕިޓަލުގައި ޕީ.ސީ.އާރް ލެބުގެ މަސައްކަތްތައް ފެށޭނެ. އަދި އޭގެ އިތުރުން އެމް.އެފް.ޑީ.އޭގައިވެސް ޕީ.ސީ.އާރް ޓެސްޓިންގ ފެށުމުގެ ކަންކަން އެބަކުރިއަށްދޭ. އެކަމުގެ ތައްޔާރީތައްވަމުންދަނީ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓަށް ބޭނުންވާ 5000 ކިޓް ލިބިފައިވާކަމަށާއި، މިހާރު ޖުމްލަ 8000 ޓެސްޓް ކިޓް ސްޓޮކުގައި އެބަހުރިކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އިތުރު 40،000 ޓެސްޓް ކިޓް ލިބޭނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވޭތޯ ބެލުމަށް ހަދާ ޕީ.ސީ.އާރް ޓެސްޓް ގްރޭޓަރ މާލޭ ސަރަހައްދުގައި އައި.ޖީ.އެމް.އެޗާއި ފުލުހުންގެ ލެބުގައި ހެދޭނދ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި އަތޮޅުތަކުގައި ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ޤާއިމުކޮށްފައިވަނީ ކުޅުދުއްފުށީ ސިޓީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫސިޓީ އިކުއިޓޯރިއަލް ހޮސްޕިޓަލުގައެވެ.

މީގެ އިތުރުން ޖީން އެކްސްޕާޓް ކާޓްރިޖު ބޭނުންކޮށްގެން ކޯވިޑް-19 އަށް ޓެސްޓް ކުރެވޭނެ އިންތިޒާމް ރާއްޖޭގެ 5 ސަރަޙައްދެއްގައި ވަނީ ހަމަޖައްސާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ރ. އުނގޫފާއި، ބ. އޭދަފުއްޓާއި، ގދ. ތިނަދޫގެ އިތުރުން ލ. ގަމާއި އައްޑޫ ސިޓީއެވެ. ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1000 އަށްވުރެ ގިނަ ސާމްޕަލް އަންނަނީ ނަގަމުންނެވެ. އަދި ތަކުރާރުކޮށް ނެގުނު ސާމްޕަލްތައް ހިމެނޭހެން މި ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް އެއްލައްކަ ބާވީސް ހާހަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެއެވެ.