ކޯވިޑް-19

ކޯވިޑް-19 : މިއަދުވެސް ބަލި ޖެހުން މީހުންގެ ޢަދަދު 100 އިން މަތީގައި، ގިނައީ ދިވެހިން


އަނެއްކާވެސް އިތުރު 100 އަށްވުރެ ގިނަ މީހުންނަށް ބަލިޖެހި، ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 8486 އަށް އަރައިފިއެވެ.

ހުކުރު ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 106 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 125 މީހުންގެ ތެރެއިން 112 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ ބަގްލަދޭޝްގެ 5 މީހަކާއި، އިންޑިއާގެ 5 މީހަކާއި، ލަންކާގެ 2 މީހެއްގެ އިތުރުން ނޭޕާލް މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8486 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5333 މީހުންނަކީ ދިވެހިންނެވެ. އަދި 3163 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 180 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5822 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2629 އަށް އަރާފައިވާއިރު، 1235 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 168 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 4 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 2 މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 5 މީހަކަށް އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 151 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، 4 މީހަކަށް އައި.ސީ.ޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ބ. އޭދަފުށީގައި ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1076 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 119،460 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 38 ރަށަކުންނާއި، 20 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 17 ފަތުރުވެރިއަކާއި، 45 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 111 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 103 ދިވެއްސަކާއި 8 ބިދޭސީންނެވެ. އަދި މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯނޑެއްދޫއާއި، ގދ. މަޑަވެއްޔެވެ.