ކޯވިޑް-19

ކޯވިޑް-19 : މިއަދުވެސް ޕޮޒިޓިވްވި މީހުންގެ ޢަދަދު 100 އިން މަތީގައި


އިތުރު 137 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ޢަދަދު 8140 އަށް އަރައިފިއެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ބުދަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 129 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 96 މީހުންނަކީ ދިވެހިންނެވެ. ދެން މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 26 މީހަކާއި، އިންޑިއާގެ 12 މީހަކާއި، ސްރީލަންކާގެ 3 މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8140 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 5053 މީހުންނަކީ ދިވެހިންނެވެ. އަދި 3087 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 73 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5338 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2767އަށް އަރާފައިވާއިރު، 1365 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 166 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 4 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 2 މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 5 މީހަކަށް އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 149 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، 4 މީހަކަށް އައި.ސީ.ޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން އެކަކު އޮތީ ވެންޓިލޭޓަރުގައެވެ. އަދި ބ. އޭދަފުށީގައި ކޯވިޑް ފެސިލިޓީގައި އެކަކަށާއި، ގއ. ވިލިނގިލީ ކޯވިޑް ފެސިލިޓީގައި 2 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1842 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 115،727 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 40 ރަށަކުންނާއި، 16 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 15 ފަތުރުވެރިއަކާއި، 33 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 84 ދިވެއްސަކަށާއި، 7 ބިދޭސީންނަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ށ. ފީވަށް އެކަންޏެވެ.