ކޯވިޑް-19

ކޯވިޑް-19 : އޯގަސްޓްމަހު އެކަނިވެސް 3000 އަށްވުރެ ގިނަ ދިވެހިންނަށް ބަލި ޖެހުނު


އޯގަސްޓްމަހު އެކަނިވެސް 3000 އަށްވުރެ ގިނަ ދިވެހިން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ކޯވިޑް-19ގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ރާއްޖެއިން މިހާތަނަށް ޖުމްލަ 7804 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 4812 ދިވެހިންނާއި، 2992 ބިދޭސީއަކު ހިމެނެއެވެ. ފާއިތުވި 3 މަހުގެ ތަފާސްހިސާބަށް ބަލާލާއިރު ބަލި ޖެހުނު މީހުންގެ ޢަދަދު އެންމެ ބޮޑަށް އިތުރުވެފައިވަނީ އޯގަސްޓްމަހުގެ ތެރޭގައެވެ. އެގޮތުން އޯގަސްޓްމަހު އެކަނިވެސް 4011 މީހަކަށް ކޯވިޑް-19 ޖެހިފައިވެއެވެ. މީގެ ތެރޭގައި 999 ބިދޭސީއަކު ހިމެނޭއިރު، ދިވެހިންގެ އަދަދަކީ 3012 އެވެ.

މިދިޔަ ޖޫންމަހު 633 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 382 ބިދޭސީއަކާއި، 251 ދިވެހިންނެވެ. ޖުލައިމަހު 1412 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު، ޖުލައިމަހު ބަލި ޖެހުނު ބިދޭސީންނަށްވުރެ ދިވެހިންގެ ޢަދަދު ދެ ގުނަ ވަނީ އިތުރުވެފައެވެ. އެގޮތުން 443 ބިދޭސީއަކަށް ބަލިޖެހުނުއިރު، 969 ދިވެއްސަކަށް އެމަހު ވަނީ ބަލިޖެހިފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާއިރު، ބަލީގެ ޙާލަތަށް ބަލައި، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން އަންނަނީ އަޅުއްވަމުންނެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބަލީގެ ޙާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށް 2 ހަފްތާއާއި، 3 ހަފްތާއާއި ދެމެދުގެ މުއްދަތެއް އާއްމުގޮތެއްގައި ހޭދަވާކަމަށެވެ. އެހެންނަމަވެސް އޯގަސްޓްމަހުގެ ތަފާސް ހިސާބުތަކުން މިފަހުން އެޅުނު ފިޔަވަޅުތަކުގެ އަސަރު އަދި ފެނިގެންނުދާކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

ބަލީގެ ޙާލަތު ކޮންޓްރޯލްކުރުމުގައި ފަރުދީ ޒިންމާގެ މުހިއްމުކަން ފާހަގަކުރައްވާ، ޑރ. ނަޒްލާ ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަކީ ވަކި ބައެއްގެ ފައިދާއަކަށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމަށާއި، އެއީ މުޅި މުޖުތަމަޢުގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެއްކަމަށެވެ. އަދި އެކަންކަމަށް ހުރިހާ ފަރާތްތަކަކުންވެސް އިޙްތިރާމްކުރުމަށާއި ޢަމަލުކުރުމަށް ޑރ. ނަޒްލާ ގޮވާލެއްވެވިއެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ފުރަބަންދުކުރިއިރު ރާއްޖޭގައި ހާލަތު އޮތްގޮތާއި، ފުރަބަންދަށްފަހު މިހާރުގެ ޙާލަތާއި، ބަލި ފެތުރޭގޮތުގެ ޓްރެންޑް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން އެޗް.އީ.އޯ.ސީން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ފުރަބަންދުކުރުމާއެކު ބައްޔަށް ޕޮޒިޓިވްވާ ބިދޭސީން ޢަދަދު އިތުރުވި ނަމަވެސް، މިހާރު ބައްޔަށް ޕޮޒިޓިވްވާ ބިދޭސީންގެ ޢަދަދު އެއްވަރެއްގައި ހިފެހެއްޓިފައިވާކަން އެ ސެންޓަރުން ފާހަގަކުރެއެވެ.

އެހެންނަމަވެސް ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިދިންފަހުން ބައްޔަށް ޕޮޒިޓިވްވާ ދިވެހިންގެ ޢަދަދު ކަންބޮޑުވާހާ މިންވަރަކަށް އިތުރުވެފައިވާކަމަށްވެސް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ.

ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ ޢުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއެވެ. އަދި ބަލިޖެހޭ މީހުންގެ ތެރޭގައި އަންހެނުންނަށްވުރެ ފިރިހެނުންގެ ނިސްބަތް އިތުރުކަންވެސް އެ ސެންޓަރުން ފާހަގަކުރައްވައެވެ.