ކޯވިޑް-19

ކޯވިޑް-19 : 137 މީހަކަށް ބަލިޖެހި، ޖުމްލަ ޢަދަދު 7800 އަށްވުރެ މައްޗަށް


އިތުރު 137 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ޢަދަދު 7800 އަށްވުރެ މައްޗަށް އަރައިފިއެވެ.

އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 129 މީހުންނެވެ. އަދި އަތޮޅުތަކުގެ ރަށްތަކުން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 96 މީހުންނަކީ ދިވެހިންނެވެ. ދެން މީގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 25 މީހަކާއި، އިންޑިއާ 9 މީހަކާއި، ސްރީލަންކާގެ 2 މީހަކާއި، ނޭޕާލުގެ 2 މީހަކާއި، ފިލިޕީންސް މީހަކާއި، ރަޝިއާ މީހެއްގެ އިތުރު ގާނާގެ މީހެކެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމުލަ 7804 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ. މީގެ ތެރެއިން 4812 މީހުންނަކީ ދިވެހިންނެވެ. އަދި 2992 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 119 މީހެކެވެ. މިއާއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 5155 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 28 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ. އޭގެތެރޭގައި ހިމެނެނީ 21 ދިވެހިންނާއި 7 ބިދޭސީންނެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2615 އަރާފައިވާއިރު، 1451 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 172 އަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ތަފާސް ހިސާބަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި 5 މީހަކަށް އައި.ސީ.ޔޫގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން 3 މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 16 ވަނަ ފަންގިފިލާގައި 6 މީހަކަށް އަދި 20 ވަނަ ފަންގިފިލާގައި އެކަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި 156 މީހަކަށް ވޯޑުގައި ފަރުވާދެމުންދާއިރު، 3 މީހަކަށް އައި.ސީ.ޔޫގައި އަންނަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން 2 މީހުން އޮތީ ވެންޓިލޭޓަރުގައެވެ. އަދި ބ. އޭދަފުށީގައި ޤާއިމުކޮށްފައިވާ ކޯވިޑް ފެސިލިޓީގައިވެސް އެކަކަށް އަންނަނީ ފަރުވާދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1189 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 112،927 އެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 31 ރަށަކުންނާއި، 15 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ޕޮޒިޓިވްވެފައިވާ 14 ފަތުރުވެރިއަކާއި، 18 ރިސޯޓް މުއައްޒަފުން ހިމެނެއެވެ. މިވަގުތު އަތޮޅުތަކުގައި 53 މީހަކަށް ބަލި ޖެހި ފަރުވާދެމުންދާއިރު، މޮނީޓަރިންގެ ހާލަތުގައި އޮތީ ގދ. ތިނަދޫ އެކަންޏެވެ.