ޚަބަރު

ކޯވިޑް-19 : ބަލިމީހުންނަށް ފަރުވާދިނުމަށް ތާޖުއްދީން ސްކޫލް ތައްޔާރުކުރަން ފަށައިފި


ކޯވިޑް-19ގެ ބަލިމީހުންނަށް ބޭނުންވާ ކުދިކުދި ފަރުވާ ދިނުމަށް ތާޖުއްދީން ސްކޫލްގައި ޓްރައޭޖް ފެސިލިޓީއެއް ހެެދުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ ކޯވިޑް-19ގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހަދާ މިފަދަ ފުރަތަމަ ޓްރައޭޖް ފެސިލިޓީއެވެ.

ޓްރައޭޖް ޚިދުމަތަށް ބޭނުންވާ ފެސިލިޓީގެ ބައެއް މަސައްކަތްތައް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އެސްޓީއޯގެ ފަރާތުންވަނީ ފަށާފައެވެ. އެސްޓީއިން ވިދާޅުވީ ޓްރައޭޖް ޚިދުމަތް ފެށުމަށް ތާޖުއްދީން ސްކޫލް ހޯލުގައި 19 އެނދު ޖެހުމުގެ މަސައްކަތްކުރަމުންދާމަށެވެ.

އެޗްއީއޯސީން ވިދާޅުވީ މި ޚިދުމަތަކީ ކޮވިޑް-19ބަލީގެ ބަލިމީހުން ފެސިލިޓީތަކަށް ނުގެންދެވި މާލޭގައި ތިބޭ ވަގުތުތަކުގައި، އެމީހުންނަށް ސިއްޙީ އެހީތެރިކަމެއް ބޭނުންވެއްޖެނަމަ އެފަދަ ފަރުވާ ދިނުމަށް ހަދާ ފެސިލިޓީއެއްކަމަށެވެ. އެގޮތުން ޑޮކްޓަރަށް ދެއްކުމާއި، ފަރުވާގެ ކަންކަން ކުރިއަށްދާއިރު އެޑްމިޓްކޮށްފައި ބޭއްވޭނެ އިންތިޒާމްތައްވެސް އެތަނުގައި ހަމަޖެހިގެންދާނެއެވެ.

ފެސިލިޓީތަށް އިތުރުކުރުމުގެ މަސައްކަތް ހެލެތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ފަށާފައިވަނީ ކޯވިޑް-19ގެ ކޭތަށް އިތުރުވެ، ހުޅުމާލޭގައި ހަދާފައިވާ ފެސިލިޓީއަށް ބާރުބޮޑުވެފައިވާތީއެވެ. އެގޮތުން ތާޖުއްދީން ސްކޫލްގެ އިތުރަށް، އިތުރު ޖާގަ ބޭނުންވާނަމަ ހިރިޔާ ސްކޫލްވެސް މެޑިކަލް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރާނެކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދު ހަތް ހާހުން މައްޗަށް އަރާފައިވާއިރު، އެޑްމިޓްކޮށްގެން ގިނަ ބަޔަކަށް ވަނީ ފަރުވާ ދީފައެވެ. އަދި މިހާރުވެސް ހުޅުމާލެ ކޯވިޑް-19 މެޑިކަލް ފެސިލިޓީއާއި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން 160އަށްވުރެ ގިނަ މީހުންނަށްދަނީ ފަރުވާދެމުންނެވެ.

ކޭސްތަށް އިތުރުވަމުން އަންނައިރު ޑޮކްޓަރުންގެ އެންމެބޮޑު ކަންވޮޑުވުމަކީ ވަސީލަތްތައް މަދުވުމާއި، އިންސާނީ ވަސީލަތްތަކުގެ ދަތިކަމުގެ ސަބަބުން ފަރުވާ ނުދެވިދާނެކަމަށް އޮތް ކަންބޮޑުވުމެވެ. ރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލާއިރު އަދަދުތަށް އަދިވެސް މައްޗަށް އަރާނެކަމަށް ޑޮކްޓަރުންވަނީ ލަފާކޮށްފައެވެ.