ކޯވިޑް-19

ކޯވިޑް-19 : އެސް.ޓީ.އޯއިން ފުލުހުންގެ ފޮރެންސިކް ލެބަށް ޕީ.ސީ.އާރު މެޝިނެއް ހަދިޔާކޮށްފި


ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސް.ޓީ.އޯއިން ފުލުހުންގެ ފޮރެންސިކް ލެބަށް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ބޭނުންކުރާނެ ޕީ.ސީ.އާރް މެޝިނެއް ހަދިޔާކޮށްފިއެވެ.

އެސް.ޓީ.އޯގެ ފަރާތުން މި ޕީ.ސީ.އާރް މެޝިން ފުލުހުންނާ ޙަވާލުކޮށްދެއްވީ އެކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރުއެވެ. އަދި ފުލުހުންގެ ފަރާތުން މި މެޝިނާއި ޙަވާލުވީ ހެޑް އޮފް ފޮރެންސިކް ސަރވިސަސް ޑައިރެކްޓޮރޭޓް ޢަބްދުﷲ އަޙްމަދެވެ. އެސް.ޓީ.އޯގެ ފަރާތުން ފުލުހުންގެ ފޮރެންސިކް ލެބަށް ހަދިޔާކޮށްފައިވަނީ ބައޯރެޑް ސީ.އެފް.އެކްސް 96 ބްރޭންޑްގެ މެޝިނެކެވެ.

ފުލުހުންގެ ފޮރެންސިކް ލެބުގައި ކޯވިޑް-19 ދެނެގަތުމަށްޓަކާ ހަދާ ޕީ.ސީ.އާރް ޓެސްޓް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޭޕްރީލްމަހުގެ ތެރޭގައެވެ. އަދި މި ޓެސްޓުތައް ހެދުމުގައި ފުލުހުންގެ ލެބުގައި ބޭނުންކުރަމުންދިޔައީ އެންމެ ޕީ.ސީ.އާރް މެޝިނެކެވެ. އެސް.ޓީ.އޯއިން ހަދިޔާކުރި މި މެޝިނާއެކު ފުލުހުންގެ ލެބުން ކޯވިޑް-19ގެ ސާމްޕަލްތައް ޓެސްޓްކުރުމުގެ ޤާބިލުކަން އިތުރު ކުރެވޭނެކަމަށް އެކުންފުނިން ދެކެއެވެ.

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ރާއްޖޭގައި މި ބައްޔަށް ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެސް.ޓީ.އޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން އެކުންފުނިން ވަނީ މިމަހުގެ 25 ވަނަ ދުވަހު އައި.ޖީ.އެމް.އެޗަށް ޕީ.ސީ.އާރު 2 މެޝިން ހަދިޔާކޮށްފައެވެ. އަދި އަތޮޅުތަކުގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށްޓަކާ ޤާއިމުކޮށްފައިވާ މެޑިކަލް ފެސިލިޓީތަކަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓް ސަޕްލައިކޮށްދީ، އެތަކެތި އިންސްޓޯލްކޮށްދިނުމުގެ މަސައްކަތްވެސް އެކުންފުނިން އަންނަނީ ކުރަމުންނެވެ.

އެސް.ޓީ.އޯއިން ފުލުހުންގެ ފޮރެންސިކް ލެބަށް ޕީސީ.އާރު މެޝިނެއް ހަދިޔާކޮށްފައިވާއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ކޯވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ފުލުހުންގެ ލެބުގައިވެސް މިމަހުގެ 25ވަނަ ދުވަހު ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ. ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކާ ދުވާލެއްގެ މައްޗަށް އެވަރެޖްކޮށް 1000 ސާމްޕަލް ޓެސްޓްކުރަމުންދާއިރު، ރިޕީޓެޑް ސާމްޕަލްތަކާއެކު މިހާތަނަށް އެއްލައްކައަށްވުރެ ގިނަ ސާމްޕަލް ނަގާފައިވެއެވެ.