ކޯވިޑް-19

ކޯވިޑް-19 : މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ބެލުމުގެ ދަށުގައި ހުޅުމާލޭގައި ތިބި 6 މީހަކު ޕޮޒިޓިވްވެއްޖެ


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުގައި ހުޅުމާލޭގައި ތިބި 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވީ، އިމިގްރޭޝަންގެ ޤާނޫނާ ޚިލާފުވެގެން އަނބުރާ ޤައުމަށް ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބައިތިއްބާފައިވާ 5 ބިދޭސީއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ. އަދި ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޛުކުރަމުން ދިޔަ ޤައިދީއަކުވެސް މި ބައްޔަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް މި ވައިރަސް ވަދެފައިވާކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެ ފަރާތުންކަމަށް ކަރެކްޝަނަލްއިން ވިދާޅުވެއެވެ. އަދި މިކަމާގުޅިގެން ކަރެކްޝަނަލްގެ 10 އޮފިސަރަކާއި، 2 ނަރުހަކާއި، 19 ޑިޓެއިނީންނާއި، އެއް ޤައިދީއެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ނަގާފައިވާކަމަށް އެ ސަރވިސްއިން ވިދާޅުވެއެވެ.

މި ޙާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަރެކްޝަނަލްއިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއްނެތި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެފައިވެއެވެ.