ގޭގޭގައި ތިބޭ ކޯވިޑް-19ގެ ބަލިމީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ތާޖުއްދީން ސްކޫލާއި ހިރިޔާ ސްކޫލްގައި ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ. ކޯވިޑް-19ގެ ކޭސްތަށް ރާއްޖޭގައި އިތުރުވަމުންދާތީ، އިންސާނީ ވަސީލަތާއި، އަދި ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކުރުމާއި ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ފަރާތުން ވާހަކަދައްކަވަމުން ޑރ.އަހްމަދު ޝަހީދު ވިދާޅުވީ ކޭސްތައް އިތުރުވަމުން އަންނަ މިންވަރަށް ބަލައި، ބަލި މީހުންނަށް ފަރުވާދެވޭނެ އިތުރު އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ. އެގޮތުން ފެސިލިޓީގެ ގޮތުގައި ބޭނުންކުރާނެ ތަންތަން ހަމަޖެއްސުމަށް މި ދާއިރާގައި މަސައްކަތްކުރާ އަމިއްލަ ފަރާތްތަކާއިއެކުވެސް މަޝްވަރާ ކުރަންފަށާފައިވާކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާދޭ މައި މަރުކަޒަކީ ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ކޮވިޑް މެޑިކަލް ފެސިލިޓީއެވެ. މި ފެސިލިޓީގައި 170އަށްވުރެ ގިނަ މީހުންނަށް މިހާރުވެސް އެޑްމިޓްކޮށްގެން ފަރުވާދެމުންދާއިރު، ފެސިލިޓީގެ %70 އެނދު މިހާރުދަނީ ބޭނުންކުރަމުންނެވެ. ޑރ.ޝަހީދު ވިދާޅުވީ އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންގެ ހާލަތަށް ބަލައި، ހާލަތު ގޯސްނޫން ބަލިމީހުން ހުޅުލޭ އައިލެންޑް ހޮޓަލަށް ބަދަލުކުރަން ފަށާފައިވާކަމަށެވެ. މިގޮތަށް އެޗްއައިއެޗަށް މީހުން ބަދަލުކުރަން ފަށާފައިވަނީ ހާލު ގޯސްވާ މީހުންނަށް މެޑިކަލް ފެސިލިޓީގައި ބައިތިއްބައިގެން ފަރުވާދެވޭނެހެން އެނދުތަށް ހުސްކުރުމަށްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ޙާލަތު މަބޮޑަށް ގޯސްވާނަމަ ސްކޫލްތައްވެސް ފެސިލިޓީގެ ގޮތުގައި ބޭނުންކުރަންޖެހޭނެކަމަށް އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ.
"ޕޮސިޓިވްވެ ހޯމް އައިސޮލޭޝަންގައި ތިބޭ މީހުންގެ ޙާލަތު ގޯސްވާނަމަ ނުވަތަ ޑޮކްޓަރަށް ދައްކަންޖެހިއްޖެނަމަ، މާލެއިން އައުޓްޕޭޝަންޓްކޮށް ޑޮކްޓަރަށް ދެއްކޭނެގޮތަށް ހިރިޔާ ސްކޫލާއި ތާޖުއްދީން ސްކޫލް ހަމަޖެއްސުމުގެ މަސައްކަތްވެސްވަނީ ފަށާފަ. އެއީ ވަގުތީ ފަރުވާ ދެވޭނެތަނެއް މާލޭގައި އެބަ ހުންނަންޖެހޭ. މި ސެޓަޕްތައް ހެދުމުގެ މަސައްކަތްދަނީ ކުރަމުން." ޑރ.ޝަހީދު ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 7000އިން މައްޗަށް އަރާފައިވާއިރު ބަލި ޖެހުނު މީހުންގެ %80 މީހުންގެ ގައިން ފެނަންނީ ބަލީގެ ވަރަށް އާދައިގެ އަލާމާތްތައްކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ.
ބަލީގައި ނުރައްކާ ބޮޑުވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނަށާއި، ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި، ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި އަދި ހަކުރުބަލިފަދަ ބަލިތަށް ހުންނަ މީހުންނަށެވެ. ހާލަތު ގޯސް ނުވިނަމަވެސް ދާއިމީ ބަލިތަކަށް ފަރުވާދޭ މީހުންނަކީ ޙާލަތު ގާތުން މޮނިޓަރކުރަންޖެހޭ މީހުންނެވެ.