ކޯވިޑް-19 އާއި ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނުވާފައެވެ. ބައެއް ޒުވާނުންގެ ވަޒީފާ ގެއްލި، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، ހުސް ވަގުތު ގިނަވުމުން ރާއްޖޭގެ އެކި ރަށްރަށުގައި ޒުވާނުންދަނީ ތަފާތު ހުނަރުވެރި މަސައްކަތްތައް ކުރަމުންނެވެ.
2500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ނ. މަނަދޫގައި ޒުވާނުންގެ މެދުގައި މިދުވަސްވަރު އެންމެ ފޯރީގައި ކުރިއަށްދަނީ ގޭގޭގައި މަސްފެންގަނޑު ހެދުމުގެ މަސައްކަތެވެ. މި މަސައްކަތުގައި ރަށުގެ ގިނަ ޢަދަދެއްގެ ޒުވާނުން މިހާރު ހަރަކާތްތެރިވާން ފަށާފައިވާއިރު، އެމީހުން މިކަން ކުރަނީ ހަމައެކަނި ޢާމްދަނީއެއް ހޯދުމުގެ ނިޔަތަކު ނޫނެވެ. އޭގެ ބަދަލުގައި މިއީ ހުސްވަގުތު ފުރާލާ، އަމިއްލަ ހިތްހަމަޖެހުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި އެރަށުގެ ޒުވާނުން ފާހަގަކުރެއެވެ.
ރާއްޖޭގެ ރަށްރަށުގައި ގޯތިގެދޮރު ޒީނަތްތެރިކުރުމަށް މާބަގީޗާ ހެއްދުމާއި، ގޯތިތެރެއަށް ދޮންވެއްޔާއި އަކިރި ލުމާއި، އުނދޯއްޔާއި ޖޯލި ބެހެއްޓުމަކީ ވަރަށްވެސް އާއްމުކަމެކެވެ. މަނަދޫގެ ބައެއް ގޭގޭގައިވެސް މި އުޞޫލުން މިކަން އަންނަނީ ކުރަމުންނެވެ.
އެހެންނަމަވެސް މަސްފެންގަނޑު ހެދުމުގެ ފޯރި އެރަށުގައި އާދަޔާ ޚިލާފަށް ގަދަވީ ރާއްޖޭގައި ކޯވިޑް-19ގެ ކޭސްތައް ފެނި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ފުރަބަންދުގެ ފިޔަވަޅުތައް އިޢުލާންކުރުމާއި، ރާއްޖޭގެ ބޯޑަރުތައް ބަންދުކުރި ހިސާބުންނެވެ. އެކަމުގެ ސަބަބުން ރަށުން ބޭރުގައި މަސައްކަތް ކުރަމުންދިޔަ ގިނަ ޒުވާނުންތަކެއް ރަށުގައި ތާށިވެފައިތިބުމުން، ރަށު ތެރޭގައި އިޖްތިމާޢީ ރޫޙު ވަރުގަދަކޮށް މާޔޫސްކަމާއި ބޯހާސްކަމުން ދުރުވުމަށް، އެހެންގޮތަކުން ބުނާނަމަ "ސްޓްރެސް" ފިލުވާލުމަށް މަނަދޫ ޒުވާނުން އަތުކުރި އޮޅާލާ ކުރި މަސައްކަތަކީ ރަށުގެ އެކި ގޭގޭގައި މަސްފެންގަނޑު ހަދައިދިނުމެވެ.
މި މަސްފެންގަނޑުތައް ބަލާލަން ހިތްގައިމުވެފައި، އެހާމެ ޗާލެވެ. ރަށުގެ އެކި ގޭގޭގައި އެކި ޑިޒައިންތަކަށް ފަރުމާކޮށްގެން ތައްޔާރުކޮށްފައިވާ މި މަސްފެންގަނޑުތަކުން މަނަދޫ ޒުވާނުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ކިތަންމެހާވެސް ފުރިހަމަކޮށް ފެނިގެންދެއެވެ. އަދި މި މަސައްކަތަށް ރަށުގެ ޒުވާނުންގެ ހިތްތަކުގައި އޮތް ޝަޢުގާއި އުފެދިފައިވާ ލޯބި ވަޒަންކޮށްލެވެއެވެ.
މަނަދޫގެ ގޭގޭގައި މަސްފެންގަނޑު ހެދުމުގައި ހަރަކާތްތެރިވާ ޒުވާނެއްކަމަށްވާ އުމުރުން 26 އަހަރުގެ އަޙްމަދު ޝަހުމް ބުނިގޮތުގައި އެމީހުން މިކަން ކުރަނީ އެކި ގްރޫޕްތަކަކަށް ބަހާލައިގެންނެވެ. އަދި ގިނަ ޒުވާނުން މިކަންކޮށްދެނީ ހިލޭ ސާބަހަށްކަމަށާއި، އެހެންނަމަވެސް މަސްފެންގަނޑަށް ބޭނުންވާ މަސް ވިއްކައިގެން ކޮންމެވެސް ވަރެއްގެ ޢާމްދަނީއެއްވެސް ލިބޭކަމަށެވެ.
"މިކަމުން ކޮންމެވެސް ވަރެއްގެ އާމްދަނީއެއްވެސް ލިބޭ. މަސް މިކޮޅުގައި ވިއްސައިގެން މި އާލާކުރަނީ. ބިއްލޫރި ޓޭންކުގެ ބަދަލުގައި މިގޮތަށް މަސްފެންގަނޑަށް މިދަނީ އަސްލު ވިއްސަން ފަސޭހަވާނެތީވެ. ދެން އަނެއްކާ ވަރަށް ޗާލު ގޯތިރޭގައި އެހެން ފެންގަނޑެއް އޮވެފައި ކައިރީގައި މާ ގަސްތައް ޖަހާލާއި، މަސްތައް އުޅޭ މަންޒަރު ބަލާލަން. ސްޓްރެސް ފިލާ، މަޖާކަމެއް މިއީ" ޝަހުމް ބުންޏެވެ.
ޝަހުމް ބުނިގޮތުގައި ރަށުގެ ޒުވާނުންގެ މެދުގައި މިކަމަށް އޮތް ޝަޢުގު އިތުރުވެ، ރަށުގެ 50 އަށްވުރެ ގިނަ ގޭގޭގައި މިހާރުވެސް މިގޮތަށް މަސްފެންގަނޑު ވަނީ ހަދާފައެވެ.
ޝަހުމްއާއެކު އޭނާގެ ޅިޔަނަކާއި ރައްޓެހިން މި މަސައްކަތުގައި ހަރަކާތްތެރިވާކަމަށް އޭނާ ބުންޏެވެ. މިގޮތަށް މަސްފެންގަނޑުތައް ހަދާއިރުވެސް އެންމެ ބޮޑަށް ބަލަނީ އެ ގެއެއްގެ މާހައުލަކާ ގުޅޭނެހެން ޑިޒައިންކުރުމަށް ކަމަށާއި، ބޮޑަށް ފަސޭހައީ އިން-ޑޯއަށްވުރެ އައުޓް-ޑޯގައި މިފަދަ މަސްފެންގަނޑު ހެދުމަށްކަމަށް އޭނާ ކިޔައިދިނެވެ.
"ބިން އެންމެ ރަނގަޅަށް ބޭނުންކުރެވޭނެ ގޮތަކަށްބަލާފައި ޑިޒައިންތައް ހަދަނީ. ދެބުރިއަށް ހުންނަ ގެއެއް ވެއްޖެއްޔާ ސިޑި ދަށުގައި. އެއީ ގިނަފަހަރަށް ބޭނުންމެއްކުރެވޭނެގޮތަކަށް ހުންނަ ތަންތަނެއްނޫން. އެކަހަލަ ކުދިކުދި ލޮކޭޝަންތަކަށް ބަލަނީ. ގޯތިތެރޭގައި ނަމަ ގަހެއްދޮށުގައި ނޫނީ ބޭނުމެއްނުކުރެވޭ ސަރަޙައްދެއްނަމަ އެތަނެއް ބޮޑަށް ނަގާނީ. ރީތިކޮށް ގަސްގަހާއެކީގައިވެސް ހެދޭނެކަހަލަ ގޮތަކަށް. އިންޑޯގައި ހަދާނަމަ އެއްޗެހި ހޯދަން އުނދަގޫ، އެކަމު އައުޓް-ޑޯގައިނަމަ ގުދުރަތީ ގިނަ ގަސްތަކެއް ބޭނުންކޮށްގެން ފަސޭހައިން ރީތިކޮށް ހެދޭ" ޝަހުމް ބުންޏެވެ.
ނ. އަތޮޅު ކައުންސިލް އިދާރާގައި މެއިންޓެނަންސް އޮފިސަރެއްގެ ވަޒީފާވެސް އަދާކުރަމުންދާ ޝަހުމްއަކީ ލިބޭ ހުސްވަގުތުތަކުގައި އަތްތެރިކަމުގެ ތަފާތު މަސައްކަތްތައް ކުރުމުގެ އިތުރުން ހީވާގި ދަނޑުވެރިއެއްވެސްމެއެވެ.
ޝަހުމް އަންނަނީ 2015 ވަނަ އަހަރުން ފެށިގެން މަނަދޫގައި ދަނޑުވެރިކަމުގެ މަސައްކަތްވެސް ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުންނެވެ. އެގޮތުން 10،000 އަކަމީޓަރުގެ ބިމެއްގައި އޭނާ އަންނަނީ ދަނޑުވެރިކަމުގެ މަސައްކަތްކޮށް، އެކި ކަހަލަ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހައްދާ، އެތަކެތި ވިއްކައިގެން ޢާމްދަނީ ހޯދަމުންނެވެ.
މިއީ ކިހިނެއް ޝަޢުގުވެރިކަން އުފެދުނު މަސައްކަތެއްތޯ އެހުމުން ޖަވާބުގައި ޝަހުމް މާޒީގެ ޞަފްހާތަކުން ހުޅުވާލީ އޭނާގެ ސްކޫލް ދައުރުގެ ޞަފްޙާތަކެވެ. އޭނާއަށް ދަނޑުވެރިކަން ކުރުމުގެ ޚިޔާލާއި ޝަޢުގުވެރިކަން އުފެދިގެން އައީ ސްކޫލު ދައުރުގައި ކްލާސްކުދިންނާއެކު ރަށުގެ ޕާކުތައް ޒީނަތްތެރިކުރުމަށް ކުރި މަސައްކަތުގެ ތެރެއިންކަމަށް އޭނާ ބުންޏެވެ.
"އަތޮޅު މަދަރުސާގައި ކިޔަވަން އުޅުނުއިރު ގްރީން ހައުންސްއެއް އޮންނާނެ. ދެން އަޅުގަނޑަކީ ގްރީން ހައުންސްގެ މެމްބަރެއް. ދެން އޭރު ޕާކުތައް ޒީނަތްތެރިކުރުން އޮންނާނީ ސްކޫލުގެ ދަރިވަރުންނާއި. ކޮންމެ ކްލާހަކަށް ޕާކެއް އޮންނާނެ ޙަވާލުކޮށްފައި. އެގޮތުން ކްލާސްކުދިންވެގެން ބަލާނެ އެ ކްލާހެއްގެ ޕާކު ވަރަށް ރީތިކުރެވޭތޯ. އެކަމުގެ ތެރެއިން އަސްލު ޝަޢުގުވެރިކަން އުފެދުނީ" ޝަހުމް ބުންޏެވެ.
ހިއުމަން ރިސޯސަސްގެ ދާއިރާއާއި ތަޢުލީމީ ދާއިރާއިންވެސް ކިޔަވާފައިވާ ޝަހުމް ވަނީ އެގްރިކަލްޗަރ މިނިސްޓްރީން ކުރިއަށްގެންދިޔަ ދަނޑުވެރިކަމާބެހޭ 1 މަހުގެ ކޯހެއް ފުރިހަމަކޮށްފައެވެ. އަދި އެ މިނިސްޓްރީން ކުރިއަށްގެންދިޔަ ސަރވޭ ޕްރޮގްރާމެއްގައި ބައިވެރިވެ، ރާއްޖޭގެ ބައެއް ރަށްރަށަށް ކުރި ދަތުރުތަކުގެ ތެރެއިންވެސް މި މަސައްކަތާގުޅޭ ގިނަ ކަންތައްތަކެއް އޭނާ ދަސްކޮށްފައިވެއެވެ.
ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދައިގެން ރަނގަޅު އާމްދަނީއެއް ލިބޭކަމަށް ޝަހުމްބުނެއެވެ. އެގޮތުން އޭނާ އާއްމުކޮށް ހައްދާ ބާވަތްތައްކަމަށްވާ ކަރާ، ފަތްކެޔޮ، ކިއުކަމްބާ، ފަޅޯ، ބަރަބޯ އަދި ބަށިފަދަ ބާވަތްތައް ރަށުގެ އިތުރުން އޭނާގެ އަންހެނުންގެ ރަށްކަމަށްވާ ނ. ހެނބަދޫއަށްވެސް ރަނގަޅު އަގެއްގައި ވިއްކާލެވޭކަމަށް ޝަހުމް ބުންޏެވެ. އާމްދަނީ ހޯދުމުގެ އިތުރުން ޝަހުމް ދަނީ އަތޮޅުގެ ހުރިހާ ރަށެއްގައި ދަނޑުވެރިކަން ކުރާ މީހުން ހިމެނޭހެން "ނ. އެގްރިކަލްޗަރ ހެލްޕާޒް"ގެ ނަމުގައި ވައިބަރ ގްރޫޕެއްވެސް ހިންގަމުންނެވެ.
"އޭގަ އުޅޭނެ އެކި ރަށްރަށުގައި ދަނޑުވެރިކަމުގެ ކޯސްތައް ފުރިހަމަކޮށް، އެމަސައްކަތް ކުރާ ތަޖުރިބާކާރު ބޭފުޅުން. ދެން އެގްރޯ ނެޓްގެ ބޭފުޅުންނާއި، ޕްރައިމް ފަރޓިލައިޒާސްއިންނާއި، މިހެންގޮސް ދާއިރާއާއި ގުޅުންހުރި އެކި ފަރާތްތައް އެޑްކޮށްގެން އަތޮޅުގެ ހުރިހާ ދަނޑުވެރިންނަށް މަޢުލޫމާތު ލިބޭނެ މި ގްރޫޕުން. ތަކެތި ގެންނަންވެސް އޭރުން ވަރަށް ބޮޑުތަން ފަސޭހަވެގެންދޭ މި ގްރޫޕުގެ ސަބަބުން"
ޝަހުމް ވަނީ އޭނާ ކުރާ ހުރިހާ މަސައްކަތެއްގައިވެސް އަންހެނުންނާއި ޢާއިލާގެ އެހީތެރިކަމާއި އެއްބާރުލުން ލިބެމުންދާކަން ފާހަގަކޮށްފައެވެ. އެގޮތުން އޭނާ އޮފީހުގައި އުޅޭ ވަގުތުތަކުގައި ދަނޑުބެލެހެއްޓުމުގެ ކަންކަން ކުރަނީ މަންމައާއި ބައްޕަކަމަށާއި، އަންހެނުންނާއި ޅިޔަނުގެ ފަރާތުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް މިކަން ކުރުމަށް ލިބިގެންދާކަމަށް ޝަހުމް ބުންޏެވެ. އޭނާ ދެކޭގޮތުގައި ދަނޑުވެރިކަމަކީ ހޮބީއެއްގެ ގޮތުގައި ޢާމްދަނީ ހޯދުމަށްވެސް ކުރަން ހަމަ "ވަރަށް ސަޅި" މަސައްކަތެކެވެ.