އަތޮޅުތަކުގެ ރައްޔިތުންނަށް ސަރަޙައްދީ ފެންވަރުގައި ހިންގާ ހޮސްޕިޓަލްތަކަށް ފަސޭހައިން ދެވޭނެ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމު ވިދާޅުވީ، ކޯވިޑް-19ގެ މި ޙާލަތުގައި އަތޮޅުތަކުގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ހޯދުމަށް މާލެއަށް ދަތުރުކުރުމަކީ އެހާ ފަސޭހަކަމެއްނޫންކަމަށެވެ. އަދި ރަށުން ނުލިބޭ ފަރުވާތަށް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރުމަށްވެސް ރައްޔިތުންގެ ޖީބުން ބޮޑު ހޭދައެއްކުރަންޖެހޭކަމަށެވެ.
އެގޮތުން އޭނާ ނިސްބަތްވާ ގަމު ދާއިރާގައި ހުންނަ ގަމު ރީޖަނަލް ހޮސްޕިޓަލަށްވެސް ހަފްތާއެއްގެ މައްޗަށް އެވަރެޖްކޮށް 2000ހަށްވުރެ ގިނަ މީހުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށަށް އަރައިފައިބާކަމަށް ވިސާމް ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލަށް ހައްދުންމަތީގެ އިތުރުން، ކޮޅުމަޑުލުންނާއި އަރިއަތޮޅުގެ ރަށްތަކުންވެސް ގިނަ ބަޔަކު ޚިދުމަތް ހޯދަން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ 5 ސަރަޙައްދުގައި ޓަރޝަރީ ފެންވަރުގައި ހޮސްޕިޓަލްތައް ޤާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އެ ސަރަޙައްދުތަކަށް އަތޮޅުތަކުގެ ރައްޔިތުންނަށް ކަނޑުމަގުންނާއި ވައިގެމަގުން ފަސޭހައިން ދަތުރުކުރެވޭނެ ނިޒާމެއް ޤާއިމުކުރުމަކީ މި ދަނޑިވަޅުގައި ކުރުން ވަރަށް މުހިންމުކަމެއްކަމަށް ވިސާމް ވިދާޅުވިއެވެ.
"ތ. އަތޮޅާއި ލ. އަތޮޅާ ދެމެދު ފެރީގެ ނިޒާމެއް ޤާއިމުވެފައެއްނެތް. އެހެންކަމުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިފަދަ ފެރީގެ ނިޒާމެއް ޤާއިމުކޮށްދިނުން. މިކަންވެއްޖެނަމަ ވަރަށް ބޮޑު ލުއިތަކެއް ރައްޔިތުންނަށް ލިބިގެންދާނެ. ލ. ގަމުގައި އެއަރޕޯޓެއް އެބައޮތް. ތ. އަތޮޅު ތިމަރަފުށްޓާއި، އދ. މާމިގިލީގައިވެސް އެއަރޕޯޓެއް އެބައޮތް. ޑޮމެސްޓިކް ދަތުރުތަކެއް އަތޮޅުތެރޭގައި އެއް އެއަރޕޯޓުން އަނެއް އެއަރޕޯޓަށް ކުރެވޭގޮތް ހަދައިދެވިއްޖެނަމަ މި ޙާލަތުގައި ރައްޔިތުންނަށް ވަރަށް ބޮޑު ލުއިކަމެއް ލިބިގެންދާނެ" ގަމު ދާއިރާގެ މެމްބަރު ވިސާމް ވިދާޅުވިއެވެ.
ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް ވިދާޅުވީ، މިދުވަސްވަރު ގަމު ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ރައްޔިތުންގެ އަދަދުވެސް އެތައް ގުނައެއް އިތުރުވެފައިވާކަމަށެވެ. އެގޮތުން މިހާރުވެސް އެވަރެޖްކޮށް ދުވާލަކަށް 300އެއްހާ މީހުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާއިރު، އެކަށީގެންވާ މިންވަރަށް ސްޕެޝަލިސްޓް ޑޮކްޓަރުން އެތަނުގައި ޤާއިމުވެފައިނެތްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ދަތުރުފަތުރުގެ ހަރުދަނާ ނިޒާމަކާއެކު، ސަރަޙައްދީ ފެންވަރުގައި ހިންގާ ހޮސްޕިޓަލްތަކަށް އާއްމުކޮށް އެންމެ ގިނައިން މީހުން ސްޕެޝަލިސްޓް ޚިދުމަތް ހޯދާ ދާއިރާތަކުން ޑޮކްޓަރުން ހަމަކުރުމަކީވެސް ކުރުން މުހިއްމުކަމެއްކަމަށް ވިސާމް ވިދާޅުވިއެވެ.