ކޯވިޑް-19

ކޯވިޑް-19 : ޑައިރެކްޓް ކޮންޓެކްޓުންގެ ޓެސްޓުގެ ނަތީޖާ ނުލިބެނީސް ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮޮށްފި


ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުން ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރުމަށްފަހު ސާމްޕަލުގެ ނަތީޖާ ނުލިބެނީސް ބޭރުތެރެއަށް ނުކުމެ ނޫޅުމަށް އެޗް.އީ.އޯ.ސީން އަނެއްކާވެސް އިލްތިމާސްކުރައްވައިފިއެވެ.

ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ ޑރ. ނަޒްލާ މުޞްތަފާ ވިދާޅުވީ، ހޯމް ކަރަންޓީނުގައި 14 ދުވަސް ފުރިހަމަކޮށް ކޯވިޑް-19 އަށް ޓެސްޓްކުރުމަށްޓަކާ ސާމްޕަލް ނެގުމަށްފަހު އޭގެ ނަތީޖާ ނުލިބެނީސް ބައެއް ފަރާތްތަކުން ބޭރުތެރެއަށް ނުކުމެއުޅޭކަން ފާހަގަކުރެވޭކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ތިބޭއިރުވެސް އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުން މުހިއްމުކަމަށާއި، ޞިއްޙީގޮތުން އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން މުހިއްމުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މުޞްތަފާ ވިދާޅުވީ، ކޯވިޑް-19ގެ އެއްވެސް އަލާމާތެއް ފެންނަކަމަށްވާނަމަ ލަސްނުކޮށް ފްލޫ ކްލިނިކަކަށްގޮސް ޑޮކްޓަރަށް ދެއްކުން މުހިއްމުކަމަށާއި، ކޯވިޑް-19 އަށް ޓެސްޓްކުރުންވެސް މުހިއްމުކަމަށެވެ. އަދި ހޯމް ކަރަންޓީނުގައި ތިބޭ ފަރާތްތަކުގެ ތެރެއިން 14 ދުވަސް ފުރިހަމަނުވަނީސް ސާމްޕަލް ނެގުމުގައި އިސްކަންދޭނީ ބަލީގެ އަލާމާތްތައް ފެންނަ ފަރާތްތަކާއި ހައި-ރިސްކް ކެޓެގަރީގައި ހިމެނޭ ފަރާތްތަކުގެ ކަމަށެވެ. ހޯމް ކަރަންޓީނުގައި ތިބޭ އެހެން ފަރާތްތަކުން މުއްދަތު ހަމަކުރުމަށްފަހު ސާމްޕަލްތަކުގެ ނަތީޖާ ނުލިބެނީސް ބޭރުތެރެއަށް ނުކުމެ އުޅުމަކީ އިތުރު ބަޔަކު ނުރައްކަލަކަށް ހުށަހެޅޭނެ ކަމަކަށްވުމުން، އެގޮތަށް އެކަން ނުރުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.

"ނަތީޖާ ނުލިބެނީސް ބައެއް ފަރާތްތަކުން ބޭރަށް ނުކުމެ އުޅޭކަން އަޅުގަނޑުމެންނަށް ވަނީ ފާހަގަކުރެވިފައި. އެގޮތަށް އެކަން ނުކުރުމަށް ނަޞޭހަތްތެރިވަން. ހޯމް ކަރަންޓީނުގައި ގޭގައި ތިއްބަވާއިރުވެސް މާސްކް އެޅުމަކީ ވަރަށް މުހިއްމުކަމެއް. އަދި ގޭގައި އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންނާއި، ހަކުރު ބައްޔާއި، ހިތުގެ ބައްޔާއި، އެނޫންވެސް ދިގު މުއްދަތަކަށް ބޭސް ބޭނުންކުރަންޖެހޭފަދަ ހައި-ރިސްކް ކެޓެގަރީގައި ހިމެނޭ މީހުން އުޅޭކަމަށްވާނަމަ ވަރަށް މުހިއްމުކަމެއް އެއީ އެފަދަ ފަރާތްތަކާ ވީހާވެސް ބޮޑަކަށް ގައިދުރުކަން ބެހެއްޓުން" ޑރ.ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ މުޞްތަފާ ވިދާޅުވީ، ހޯމް ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގައި ބައެއް ފަހަރު ވަގުތު ނެގުން އެކަށީގެންވާކަމަށެވެ. އަދި އެފަދަ ޙާލަތްތަކުގައިވެސް އެމީހަކާ ޑައިރެކްޓް ކޮންޓެކްޓްވާ މީހުންގެ ޢަދަދު އިތުރުނުވާނެހެން އިޖްތިމާޢީ ގައިދުރުކަން ބެހެއްޓުމަށް އިސްކަންދިނުން ވަރަށް މުހިއްމުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މިހާރުވެސް ރާއްޖޭގައި ކަންބޮޑުވާހާ ހަލުވިމިނުގައި ކޯވިޑް-19 ފެތުރުން އިތުރުވެފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް މިހާރަށްވުރެވެސް ބޮޑަށް ސަމާލުވެ، އެއާ އެއްގޮތަށް ޢަމަލުކުރުމަށް ޑރ. ނަޒްލާ ވަނީ އާއްމުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.