ކޯވިޑް-19

ކޯވިޑް-19 : ކިނޮޅަހުން މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގެ ހާލަތަށް


ރ. ކިނޮޅަހުން ކޯވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާގުޅިގެން އެ ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވީ، ރ. ކިނޮޅަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ ފިލިޕީންސްގެ އުމުރުން 53 އަހަރުގެ ފިރިހެނެއްކަމަށެވެ. އަދި އޭނާ މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީސް ސާމްޕަލުންކަމަށާއި މިކަމާގުޅިގެން އެރަށް މިވަގުތު މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވާކަމަށް އެޗް.އީ.އޯ.ސީން ވިދާޅުވިއެވެ.

ކިނޮޅަހުގެ އިތުރުން ރ. ދުވާފަރުންވެސް ކޯވިޑް-19 އަށް ކުޑަކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ. ދުވާފަރުން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 3 އަހަރުގެ ފިރިހެން ކުއްޖެއްކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. އެކުއްޖާވެސް މި ބައްޔަށް ޕޮޒިޓިވްވިކަން އެނގުނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ހެދި ރިލީސް ސާމްޕަލުންކަމަށެވެ. ދުވާފަރުން މީގެ ކުރިންވެސް ފުރަބަންދު ކަރަންޓީނު ފުރިހަމަކުރި ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.

ފަހަކަށް އައިސް އެކި ބޭނުންތަކުގައި މާލެއައުމަށްފަހު އެނބުރި ރަށަށްގޮސް ފުރަބަންދު ކަރަންޓީނުގައި ތިބޭ މީހުންގެ ތެރެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތްވެސް އަންނަނީ އިތުރުވަމުންނެވެ. އަދި މި ބަލީގެ އެކްޓިވް ކޭސްތައް ފެންނަ ރަށްރަށުގެ އަދަދުވެސް ވަނީ އިތުރުވާން ފަށާފައެވެ.