ކޯވިޑް-19

ކޯވިޑް-19 : ޢާއްމު ޚިދުމަތްދޭ ހުރިހާތަނެއް މިމަހު 25އިން ފެށިގެން އިންސްޕެކްޓްކުރަން ފަށަނީ


ޢާއްމު ޚިދުމަތްދޭ ތަންތަން ހިންގަމުން ދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ މާސް އިންސްޕެކްޝަން މިމަހުގެ 25ވަނަ ދުވަހު އަލުން ފެށުމަށް ހަމަޖެހިފައިވާކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޢާއްމު ޚިދުމަތް ދޭ ތަންތަން ހިންގަމުންދަނީ އެޗް.ޕީ.އޭގެ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ ސިލްސިލާ އިންސްޕެކްޝަންގެ އައު ބުރެއް މިމަހުގެ 25ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި ކުރީގެ އިންސްޕެކްޝަންތަކާ ޚިލާފަށް މިފަހަރު، އިސްތިސްނާ ކުރާނެ ވަކި ތަންތަނަނެއް ނުހުންނާނެކަމަށާ، މިފަހަރުގެ އިންސްޕެކްޝަންގައި ޢާއްމުންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް ބަލައި އިންސްޕެކްޓްކުރާނެކަމަށް ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

"އާއްމު ރައްޔިތުންނަށް ޚިދުމަތްދޭ ކޮންމެ ތަނެއް އެއީ އަޅުގަނޑުމެން މިފަހަރު އިންސްޕެކްޓްކުރާނެ ތަންތަން. އެކަމަށް ހުރިހާ ފަރާތްތަކަކުންވެސް ސަމާލުވުން މުހިއްމު. އެތަންތަން އިންސްޕެކްޓްކުރުމަށްފަހު ބަންދުކުރަން ޖެހޭ ޙަލަތެއް އަތުވެއްޖެކަމަށްވާނަމަ، އެތަނެއް ބަންދުކުރުމަށްފަހުގައި އެ ޚިދުމަތެއް އެ ހިސާބުން ހުއްޓާލަންޖެހޭނެ. އިތުރަށް އެ ޚިދުމަތެއް ދޭކަމަށްވަނަމަ އެފަރާތަކާއި ދޭތެރޭ ފިޔަވަޅު އަޅާނަން" ޢަބްދުﷲ ޝަރީފް ވިދާޅުވިއެވެ.

ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، މިމަހުގެ 4ވަނަ ދުވަހުން ފެށިގެން އެޗް.ޕީ.އޭއިން ޢަމަލު ކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ގިނަ ބަޔަކު ޢަމަލުކުރާކަމަށެވެ. ނަމަވެސް އަދިވެސް ބައެއް ވިޔަފާރިތަކުން ރޭގަނޑު 21:30 ގެ ފަހުންވެސް އޮންލައިންކޮށް ޕޭމަންޓް ނަގައިގެން ޑެލިވަރީގެ ޚިދުމަތްދޭކަން ފާހަގަކުރެވޭކަމަށާ އެކަމުގެ ޝަކުވާވެސް ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެގޮތަށް ޢަމަލު ނުކުރުމަށް ޢަބްދުﷲ ޝަރީފް ވަނީ ވިޔަފާރިތަކަށް އިލްތިމާސްކުރައްވާފައެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ފުރަބަންދު ކުރުމަށްފަހު މާލޭގައި ޢާއްމު ޚިދުމަތްދޭ ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަބަންދަށް ދިން ލުއިތަކާއެކު އަލުން ތަންތަން ހުޅުވުމަށް ހުއްދަ ދީފައިވަނީ ވަކި ޝަރުތުތަކަކާއި އެކުގައެވެ.

އެގޮތުން ފިހާރަތަކަށް އެއްފަހަރާ ގިނަ ވެގެން މީހުންނަށް ވަދެވޭނެ މިންވަރާއި، ކެފޭ ރެސްޓޯރަންޓްތަކުގައި މީހުން ތިބެން ޖެހޭނެގޮތްވެސް ވަނީ ކަނޑައަޅައި އާންމުކޮށްފައެވެ. އަދި އެތަންތަނުގައި ސެނިޓައިޒަރ ބަހައްޓައި އަތް ސާފުކުރެވޭނެ އިންތިޒާމުތައްވެސް ހަމަޖައްސަން ޖެހެއެވެ. މިފަދަ ތަންތަން ހިންގަނީ އެޗް.ޕީ.އޭގެ މިންގަނޑުތަކާ އެއްގޮތަށްތޯ ބެލުމަށް މީގެކުރިން 2 ފަހަރެއްގެމަތިން ވަނީ މާސް އިންސްޕެކްޝަނެއް ކުރިއަށްގެންގޮސްފައެވެ.

މި އިންސްޕެކްޝަންތަކުގައި ކޯވިޑް-19އިން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އެކުލަވާލާފައިވާ އުޞޫލުތަކަށް ނުފެތޭ ތަންތަން ބަންދުކުރުމަށްފަހު، އެ އުޞޫލާ އެއްގޮތަށް އެތަންތަން އިސްލާޙުކުރުމަށް 24 ގަޑިއިރުގެ ވަގުތެއްދެއެވެ. އަދި އިސްލާޙުކުރުމަށްފަހު އެޗް.ޕީ.އޭގެ ޚާއްސަ ހޮޓްލައިނަށް ގުޅައި އެންގުމުން އަލުން އެތަނެއް އިންސްޕެކްޓްކުރުމަށްފަހު އުޞޫލާ އެއްގޮތަށް ހުރިނަމަ އެތަނެއް ހުޅުވުމުގެ ހުއްދަ އެޗް.ޕީ.އޭއިން އަންނަނީ ދެމުންނެވެ.