ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ޣައްޒާ އެއްކޮށްހެން ސުންނާފަތިވެފައިވާ އިރު، ޣައްޒާގައި އަލުން މަދަރުސާތައް ހިންގުމުގައި އިދާރާތަކުން ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. އެ ސަހަރުގެ ދަރިވަރުން ތައުލީމު ހާޞިލް ކުރުމަށް ފިތިބާރުވެގެން އެއްވަމުން ދަނީ ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޖަހާފައިވާ ބަލިކަށި ފޭލިގެތަކަށެވެ.
ފަލަސްޠީނުގެ ތަޢުލީމާއި މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނީ އައު ދިރާސީ އަހަރަށް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ދަރިވަރުންނަށް ކިޔަވައި ދިނުމަށް 700އެއްހާ ފެލިގެ ޖަހާފައިވާ ކަމަށެވެ. ދަރިވަރުން ތަޢުލީމު ހާޞިލް ކުރަމުން ދިޔަ މަދަރުސާތަކަށް ހަނގުރާަމައިގައި ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ގިނަ ޢަދަދެއްގެ މަދަރުސާ އާންމުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ވެސް ދަނީ ބޭނުން ކުރަމުންނެވެ. އެއާއެކު އެ މަދަރުސާތަކުގައި ކިޔަވަމުން ދިޔަ 500،000އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުން ކުރަން ޖެހިފައި މި ވަނީ މި ފޭލިގެތަކެވެ.
ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހު ޔަހޫދީން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން މިހާތަނަށް އެ ސަހަރުގެ 74،000އެއްހާ ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. އަދި 174،000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. ހަމަލާތަކުގެ ސަބަބުން ޣައްޒާ އެއްކޮށްހެން ވަނީ ސުންނާފަތިވެފައެވެ. ހަމަލާ ބަދަލުކުރުން މެދުކަނޑައިލުމަށް 2025ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 10ވަނަ ދުވަހު ޔަހޫދީން ނަމެއްގައި އެއްބަސްވި ނަމަވެސް ޔަހޫދީން އަދި ވެސް ދަނީ ޣައްޒާއަށް ހަމަލާތައް ދެމުންނެވެ. އެއްބަސްވުމާ ޚިލާފުވެ ޔަހޫދީން ދަނީ ޣައްޒާއަށް އެހީގެ ސާމާނާއި މުދާ ވެއްދުމަށް ދަތިކޮށް، އެ ސަހަރަށް ވަދެ ނިކުތުމަށް ވެސް އަދިވެސް ދަތިކުރަމުންނެވެ. އޭގެ ސަބަބުން ޣައްޒާގެ ރައްޔިތުންގެ އާންމު ދިރިއުޅުމަށް ވަނީ ހުރަސްއެޅިފައެވެ. އެންމެ ޒަރޫރީ ޚިދުމަތްތައް ވެސް ޣައްޒާގެ ދެ މިލިއަނެއްހާ ރައްޔިތުންގެ ތެރެއިން ގިނަ މީހުންނަށް ނުލިބެއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާއިން އެންމެ ފަހުން އާންމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެއްބަސްވުމަށް ޢަމަލުކުރަން ފެށި ފަހުން ވެސް ޔަހޫދީން ވަނީ ޣައްޒާގެ 1،386 ރައްޔިތުން ޝަހީދުކޮށްލައި 4،784 މީހުންނަަށް ޒަޚަމްކޮށްލައިފައެވެ.