ވިޔަފާރި

މިހާތަނަށް 78 ސަފާރީއަކަށް ޙިދުމަތްދިނުމުގެ ހުއްދަ ދީފި


މިހާތަނަށް ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ 78 ސަފާރީއަކަށް ލިބިފައިވާކަމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހާމަކޮށްފިއެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިން އަންނަން ފަށާފައިވާއިރު ޙިދުމަތްދިނުމުގެ ހުއްދަ ދެނީ ގައިޑްލައިންތަކަށް ފެތޭ ސަފާރީތަކަށެވެ. ބޯޓިން އެސޯސިއޭޝަނުން ބުނީ ކޯވިޑް19 އަށްފަހު ބޯޑަރު އަލުން ހުޅުވާލުމާއިއެކު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް 78 ސަފާރީއަކަށް ޙިދުމަތްދިނުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދީފައިވާކަމަށެވެ. މީގެތެރޭގައި އަންނަމަހު ޙިދުމަތަށް ނިކުންނަ ސަފާރީތައްވެސް ހިމެނެއެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ. ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑެކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭނެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތް ކުރުމަށްފަހުއެވެ.

ބޯޓިންގ އެސޯސިއޭޝަނުން ސަފާރީތަކަށް އަންގާފައިވަނީ ޙިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި ހުށައެޅުމަށެވެ. ސަބަބަކީ ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީއެވެ.

ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ޙުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޙިދުމަތްދީގެން ނުވާނެކަމަށާއި ސަފާރީ ބޯޓުތަކުގެ ކުރޫންނާއި ފަތުރުވެރިން މީހުންއުޅޭ ރަށްރަށަށް ނޭރުމަށްވެސް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.