ޚަބަރު

ރާއްޖެއިން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު ފަތްކޮޅު އަރުވައިފި


  • ފަތްކޮޅު އެރުވީ އައިރީނާ ކައުންސިލުގެ 32ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން

  • ހަކަތައިގެ ދާއިރާއިން ރާއްޖޭގެ އަމާޒުތައް ހާސިލުކުރަން އެއްބާރުލުން ދޭނެ

އިންޓަރނޭޝަނަލް ރިނިއުބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ދިވެހިރާއްޖެއިން ކަނޑައެޅުއްވި ދާއިމީ މަންދޫބު މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ޑިރެކްޓަރ ޖެނެރަލަށް އަރުވައިފިއެވެ. ރާއްޖެއިން އައިރީނާއަށް ދާއިމީ މަންދޫބެއްގެ ގޮތުގައި ކަނޑަޅުއްވާފައިވަނީ، އެކުވެރި ޢަރަބި އިމާރާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޠާރިޤު އިބްރާހީމްއެވެ.

ރާއްޖެއިން އައިރީނާއަށް ކަނޑައެޅުއްވި ދާއިމީ މަންދޫބު، މަޤާމުގެ ފަތްކޮޅު އެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް ފްރެންސެސްކޯ ލަ ކަމޭރާއަށް އަރުވާފައިވަނީ، އަބޫދާބީގެ ޝެރަޓަން ހޯޓެލުގައި ކުރިއަށްދިޔަ އައިރީނާ ކައުންސިލުގެ 32 ވަނަ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މަޤާމުގެ ފަތްކޮޅު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތައް ކުރިއެރުވުމުގައި އައިރީނާއިން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުގެ ނަމުގައި ސަފީރު ޠާރިޤު އިބްރާހީމް ޝުކުރު އަދާކުރެއްވިއެވެ. އަދި އައިރީނާއިން ދިވެހިރާއްޖެއަށް ދެމުންދާ ފަންނީ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުން ރާއްޖޭގެ ހަކަތައިގެ ދާއިރާގެ ޕްލޭންތައް ހަރުދަނާކޮށް، ރަށްރަށުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ.

އައިރީނާގެ ޑިރެކްޓަރ ޖެނެރަލް ކެމެރާ ވަނީ، ސަފީރު ޠާރިޤު އަލަށް އަދާކުރައްވަން ފެއްޓެވި މަސްއޫލިއްޔަތަށް މަރުޙަބާ ދަންނަވައި، އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ހާސިލުކުރަން ބޭނުންވާ އަމާޒުތަކަށް ވާސިލުވުމުގައި އައިރީނާގެ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ. އަދި ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް އަންނަ ބަދަލުތަކުގައި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރާއެކު ގާތުން މަސައްކަތް ކުރުމަށް އައިރީނާ ތައްޔާރަށް އޮތްކަން އެ ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމްބެސަޑަރ ޠާރިޤު އިބްރާހީމްގެ އަރިހުގައި، އެކުވެރި ޢަރަބި ޢިމާރާތުގެ އަބޫދާބީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކްރެޓަރީ ފާޠިމަތު ނިއުޝާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ދިވެހިރާއްޖެއަކީ، ޖޫން 2009 އިން ފެށިގެން އައިރީނާގެ މެންބަރު ޤައުމެކެވެ.