ކޯވިޑް-19

ތަފާތު ސަބަބުތަކާއިހުރެ އައިސޮލޭޝަނަށް ނުގެންދެވި 359 މީހަކު އެބަތިބި: ޑރ. އަފްޒަލް


ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ތަފާތު ސަބަބުތަކާހެދި 359 މީހަކު އައިސޮލޭޝަން ފެސިލިޓީއަށް ނުގެންދެވިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިސޮލޭޝަނަށް މީހުން ގެންދިއުމުގައި ލަސްވާ ސަބަބުތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އެޗް.ޕީ.އޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އައިސޮލޭޝަނަށް ގެންދިއުމުގައި އިދާރީގޮތުން ދިމާވާ ގޮންޖެހުންތަކުގެ އިތުރުންވެސް އެކި ކަހަލަ ސަބަބުތަކާއިހުރެ އައިސޮލޭޝަން ފެސިލިޓީއަށް މީހުން ގެންދިއުމުގެ މަސައްކަތް ލަސްވާކަމަށެވެ. އެގޮތުން ތަފާތު ސަބަބުތަކާއިހުރެ 359 މީހަކު އައިސޮލޭޝަނަށް ނުގެންދެވި މިހާރުވެސް އެބަތިބިކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި އައިސޮލޭޝަން ފެސިލިޓީއަށްދާން ދެކޮޅު ހަދާ 85 މީހަކު ހިމެނޭކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"ޕެންޑިން މޫވްމަންޓަސްއަށް ބަލާއިރު 359 ފަރާތެއް އެބަވޭ އަދި މޫވްކުރަންޖެހިފައި. މީގެތެރޭގައި އެބަހިމެނޭ 85 ރެފިއުޒަލްސް، 15 ފަރާތެއް ފެމިލީގެ ނަތީޖާ ލިބުނީމަ ނޫނީ ނުދާން. އަދި މީގެ އިތުރުން 14 މީހުން އެބަވޭ ރެސްޕޮންޑް ނުކުރާ މާނައަކީ ގުޅައިގެންވެސް ފޯނު ނުނަގާތީ ނުގެންދެވި. މީގެ އިތުރުންވެސް އެހެނިހެން ސަބަބުތަކާހުރެ 22 ފަރާތެއް އެބަވޭ އަދި ހަމަ ނުގެންދެވިފައި" ޑރ. އަފްޒަލް ވިދާޅުވިއެވެ.

ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން އަދަދު 6225 އަށް އަރާފައި ވާއިރު، އޭގެ ތެރެއިން 1390 މީހަކު މިވަގުތުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީގައި ފަރުވާ ހޯދަމުންނެވެ.

އައިސޮލޭޝަނަށް މީހުން ގެންދިއުމުގައި ލަސްވަނީ ހަމައެކަނި ފެސިލިޓީ ނެތިގެން ނޫންކަމަށް އެޗް.އީ.އޯ.ސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވަނީ ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ. އެގޮތުން ބައެއް މީހުން ފެސިލިޓީއަށް ދާން ދެކޮޅު ހެދުމާއި، އާއިލާ މެމްބަރުންގެ ސާމްޕަލްތަކުގެ ނަތީޖާ ލިބުނީމަ ނޫނީ ފެސިލިޓީއަށްދާން ބޭނުންނުވާ މީހުންނާއި، ޕޮޒިޓިވްވެގެން އެތައް ފަހަރެއް މަތިން ގުޅުމުންވެސް ފޯނު ނުނަގާ ބައެއް މީހުން ތިބިކަން ފާހަގަކުރެވިފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.