ތ. ތިމަރަފުށި ހިމެނޭހެން 6 ރަށެއްގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރު އެޅުމުގެ ޢަމަލީ މަސައްކަތް ނޮވެމްބަރުމަހު ފައްޓަވާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ތ. ތިމަރަފުއްޓާއި، ވޭމަންޑޫގެ ކުނި މެނޭޖްކުރުމުގެ ކަންކަން ކުރިއަށްގެންދިއުމަށް އެންވަޔަރަމަންޓް މިނިސްޓްރީން ނިންމަވާފައިވާގޮތް އޮޅުން ފިލުއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެމްބަރު ޢަބްދުالله ރިޔާޟު ކުރެއްވި ސުވާލަށް ރައްޔިތުންގެ މަޖިލީހުގައި ޖަވާބުދެއްވަމުންނެވެ.
އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، މ، ފ، ދ، ތ އަދި ލ އަތޮޅުގެ 43 ރަށަކަށް އަމާޒުކޮށްގެން އަމާޒުކޮށްގެން ތިމާވެއްޓާއި ރައްޓެހި އަދި އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ނިޒާމުތަކެއް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް"ގެ ދަށުން ތިމަރަފުށީގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށް އެތަނަށް ކުނި މެނޭޖްކުރުމަށް ބޭނުންވާ އިކުއިޕްމަންޓް ފޯރުކޮށްދެވޭނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމުކުރުމުގައި އެންމެ ފުރަތަމަ އިސްކަންދޭނީ މިހާތަނަށް އެފަދަ ސެންޓަރެއް ޤާއިމުކުރެވިނުވާ ރަށްތަކަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ތިމަރަފުށިވެސް ހިމެނޭހެން 6 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައި ފެށިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ވިދާޅުވިއެވެ.
"މި މަޝްރޫޢުގެ އިމްޕްލިމެންޓޭޝަން ޕްލޭނުގައި ކަނޑައަޅާފައިވާގޮތުން މިހާރު ކުރިއަށްދަނީ މި މަޝްރޫޢުގެ ރަށްތަކުގައި ހަދަންޖެހޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް، އީ.އައި.އޭ ހެދުމުގެ މަސައްކަތްތައް. މަޝްރޫޢުގެ ފުރަތަމަ ބެޗުގައި ތިމަރަފުށިވެސް ހިމެނޭގޮތަށް 6 ރަށެއްގެ ޢަމަލީ މަސައްކަތް ފެށުމަށް ކޮންޓްރެކްޓަރުން ހޯދުމުގެ މަސައްކަތް މިއަހަރުގެ ސެޕްޓެމްބަރުމަހު ފަށާނެ. އަދި އޮކްޓޯބަރުމަހު ކޮންޓްރެކްޓަރު އައްޔަނުކޮށް، ޢަމަލީ މަސައްކަތް ނޮވެމްބަރުމަހުގެ ތެރޭގައި ފެށިގެންދާނެ" މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ދަޢުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން 2015 ވަނަ އަހަރު ވޭމަންޑޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ޤާއިމުކޮށްފައިވާކަމަށެވެ. ނަމަވެސް މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓުގެ ދަށުން ރަށްރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކުގެ ޑިޒައިނަށް ބޮޑު ބަދަލުތަކެއް ގެނެސްފައި ވާތީ، ވޭމަންޑޫގައި ޤާއިމުކޮށްފައިވާ މަރުކަޒުވެސް ފަހުގެ ޑިޒައިންތަކާއި އެއްގޮތަށް އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ނުފެށި ލަސްވީ، މިއީ ވޯލްޑް ބޭންކުން ފަންޑު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއަކަށްވެފައި، އެ ބޭންކުގެ ބޭނުމަށް ހަދަންޖެހޭ ދިރާސާތަކެއް ނުނިމިވާތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިހާތަނަށް ނުފެށި ލަސްވެފައިވަނީ މި ދިރާސާތައް ހެދުމުގައި މެދުވެރިވި ބޭރުގެ ކޮންސަލްޓަންޓަކު އޭނާއާއި ހަވާލުކުރި މަސައްކަތް ކޮންޓްރެކްޓުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކަންކަން ފުރިހަމަކޮށްފައިނުވާތީ އެކަމުގެ ސަބަބުން. އެހެންކަމުން މިނިސްޓްރީން ބޭންކާ މިހާރު އިތުރަށް މަޝްވަރާކޮށްގެން މިހާރު ވަނީ މަޝްރޫޢުގެ އައު އިމްޕްލިމެންޓޭޝަން ޕްލޭނެއް އެކުލަވާލާ އެ މަސައްކަތް ފަށާފައި. އައު ޕްލޭނުގައި ކަނޑައަޅާފައިވާ ޓައިމްލައިނުގެ ދަށުން ކަންކަން ކުރިއަށްދާނެ" މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް"ގެ ދަށުން ރަށްރަށުގައި ޤާއިމުކުރާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ޤާއިމުކުރެވުމުން ރަށުގައި އުފެދޭ ކުނީގެ ތެރޭގައި ހުންނަ އޯގޭނިކް ނޫނީ އަމިއްލަ ޒާތުގައި ފަނާވެދާ ކުނި ބަޔަލޮޖިކަލް ޓްރީޓްމަންޓުގެ އެހީގައި ޕްރޮސެސްކޮށް މެނޭޖްކުރެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި އެ ސެންޓަރަށް ގެންދާ ކުނީގެ ތެރޭގައި ހިމެނޭ އިން-އޯގޭނިކް ނުވަތަ އަމިއްލަ ޒާތުގައި ފަނާވެ ނުދާ ޒާތުގެ ކުނި ވަކިކުރެވި މި ބާވަތްތައް ރަށުން ބޭރުކުރުމުގެ އިންތިޒާމްވެސް ހަމަޖެހިގެންދާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.