ތަރައްްޤީ

ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި


ލ. ފޮނަދޫ މަގުތަކުގައި ތާރުއެޅުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފައިވާ ކަމަށް އެމަޝްރޫޢު ހަވާލުކޮށްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ލ. ފޮނަދޫ މަގުތައް ހެދުމުގެ މަޝްރޫޢު ޢަމަލީ މަސައްކަތް އެމް.ޓީ.ސީ.ސީން ފަށާފައިވަނީ 26 ޖޫން 2019 ގައެވެ. މި މަޝްރޫޢުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި ފޮނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ އެސްފޯލްޓް މިހާރު އެ ރަށަށް ގެންގޮސްފައިވާކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ ދަށުން ފޮނަދޫގެ 12 މަގެއްގައި 3.5 ކިލޯ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްޕީޑް ބްރޭކަރުލުމާއި، މަގުމަތީގައި ހަރުކުރަންޖެހޭ ނިޝާންތައް ފާހަގަކޮށް ސްޕީޑް ބްރޭކަރުތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރުމަށްވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިމަސައްކަތް އެއްކޮށް ނިމޭއިރު ޤާއިމުކުރުމަށް ހަމަޖެހިފައިވާ ސްޓޯމް ވޯޓަރ މެނޭޖްމަންޓް ސިސްޓަމާއެކު ފޮނަދޫ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށްވެސް އެމް.ޓީ.ސީ.ސީން ވަނީ ވިދާޅުވެފައެވެ. މިމަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގައި އަޅާފައިހުރި ގާތައް ނެގުމަށްފަހު މަގު އެއްވަރު ކުރުމާއި ސަބް ގްރޭޑިންގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި އެކުންފުނިން ވަނީ ކޮށްފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

އެމް.ޓީ.ސީ.ސީން އަތޮޅުތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ސްޕީޑަށް ކޯވިޑް-19ގެ ސަބަބުން ކޮންމެވެސް ވަރެއްގެ އަސަރުތަކެއްކޮށްފައިވީނަމަވެސް، އެއްވެސް މަޝްރޫޢެއް ހުއްޓާނުލާ އެކުންފުނިން ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމާއި، ބިން ހިއްކުމާއި، މަގުތައް ހެދުމުގެ ގިނަ މަސައްކަތްތަކެއް އެމް.ޓީ.ސީ.ސީން އަންނަނީ ކުރަމުންނެވެ.