ކޯވިޑް-19

އެމް.އެން.ޑީ.އެފުން ޚަރަދުކޮށްފައި ވަނީ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތަށް: އޮޑިޓް ރިޕޯޓް


ކޯވިޑް-19 އާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފުން ޚަރަދުކޮށްފައިވަނީ މާލިއްޔަތުގެ ޤާނޫނާއި އެއްގޮތަކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލް ޙަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވި ކޯވިޑް-19 އާއި ގުޅިގެން އެމް.އެމް.ޑީ.އެފުން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކުރި ޚަރަދުތަކާއި ގުޅޭ މަޢުލޫމާތުތައް ހިއްސާކޮށްފައެވެ.

އެމް.އެން.ޑީ.އެފްގެ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޯވިޑް-19 އާ ގުޅިގެން އެމް.އެން.ޑީ.އެފުން ޚަރަދުކުރަން ކަނޑައަޅާފައި ވަނީ 17،049،230 (ސަތާރަ މިލިއަން ސާޅިސް ނުވަ ހާސް ދުއިސައްތަ ތިރީސް ރުފިޔާ) ގެ ބަޖެޓެކެވެ. އޭގެ ތެރެއިން މިހާތަނަށް ޚަރަދުކޮށްފައިވަނީ 5،242،102 (ފަސް މިލިއަން ދުއިސައްތަ ސާޅިސް ދެ ހާސް އެއް ސަތޭކަ ދެ ރުފިޔާ) އެވެ. އަދި ބާކީ ހުރީ 11،807،128 (އެގާރަ މިލިއަން އަށް ސަތޭކަ ހަތް ހާސް އެއް ސަތޭކަ އަށާވީސް) ރުފިޔާކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ކޯވިޑް-19 އާ ގުޅިގެން އެމް.އެން.ޑީ.އެފުން ޚަރަދުކުރިގޮތުގެ ތަފްޞީލު:

- ކަނޑުއުޅަނދުފަހަރަށް ތެޔޮއެޅުމަށް - 3،221،054 ރުފިޔާ
- ސިފައިން ތިބި މަރުކަޒުތަކަށް ބޭނުންވާ ސަޕްލައިޒް - 638،009 ރުފިޔާ
- ހޯދުނު ޚިދުމަތްތަކުގެ ޚަރަދު - 26،500 ރުފިޔާ
- މަރާމާތުކުރުމާއި ބެލެހެއްޓުމުގެ ޚަރަދު - 1،045،753 ރުފިޔާ
- ސިފައިން ތިބި މަރުކަޒުތަކަށް ހޯދުނު ހަރުމުދާ - 310،786 ރުފިޔާ

މި ޚަރަދުތައް ދެއްކިފައި ވަނީ، ދައުލަތުގެ މުއައްސަސާތަކުގެ ހިސާބުތައް ބެލެހެއްޓުމަށް ބޭނުންކުރާ އެސް.އޭ.ޕީ އާއި އޮޑިޓު ކުރެވުނު މުއައްސަސާގެ ރިކޯޑުތަކުން ދައްކާ ހިސާބުތަކުގެ މައްޗަށް ބިނާކޮށްކަމަށް އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި ސްޕެޝަލް އިމްޕްރެސްޓް ޕެޓީ ކޭޝް އިން ކުރެވުނު ޚަރަދުތަކުގެ ތެރެއިން އޮޑިޓް ކުރެވުނު ތާރީޚުކަމަށްވާ 18 ޖުލައި 2020 އާ ހަމައަށް އެސް.އޭ.ޕީ އަށް ޕޯސްޓްނުކުރެވި ހުރި އަދަދަކީ، 83،629 (އަށްޑިހަ ތިން ހާސް ހަ ސަތޭކަ ނަވާވިސް) ރުފިޔާކަމަށްވެސް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އެމް.އެމް.ޑީ.އެފުން ކުރި ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓްގައި އެ މުޢައްސަސާއިން ކޮށްފައިވާ ޚަރަދުތަކަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި، ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދާއި، މިނިސްޓްރީ އޮފް ފިނޭންސުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާއި އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.

ދައުލަތުގެ މުޢައްސަސާތަކުން ކޯވިޑް-19 އާ ގުޅިގެން ކޮންމެ ކުއާޓާއެއްގައި ކުރާ ޚަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ އޮޑިޓެއް ކުރުމަށް ރައްޔިތުންގެ މަޖިލީހުން 20 މެއި 2020 ގައި ފާސްކޮށްފައި ވާތީ، އޮޑިޓަރ ޖެނެރެލްގެ އޮފީހުން އަންނަނީ އެކި މުޢައްސަސާތަކުން ޚަރަދުކޮށްފައިވާގޮތުގެ ޚާއްސަ އޮޑިޓެއް ހަދާ އާއްމުކުރަމުންނެވެ. އެގޮތުން މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީއާއި ހެލްތް މިނިސްޓްރީގެ ޚަރަދުތަކާއި ގުޅޭ ކޮމްޕްލަޔަންސް އޮޑިޓް ވަނީ އާއްމުކޮށްފައެވެ.