މާލެ އަތޮޅުގެ ދެކުނުން އޮންނަ ކ. ގުރައިދޫއަކީ އާބާދީގައި ގާތްގަނޑަކަށް 3000 ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅޭ ރަށެކެވެ.
ޢާމްދަނީ ހޯދުމަށް ރަށުގެ ރައްޔިތުން މައިގަނޑުގޮތެއްގައި ކޮށް އުޅެނީ ފަތުރުވެރިކަމުގެ ސިނާޢަތާގުޅުން ހުރި އެކި މަސައްކަތްތަކެވެ. މަސްވެރިކަންވެސް ކޮންމެވެސް ވަރަކަށް އެރަށުގައި ކޮށްއުޅެއެވެ. ގާތްގަނޑަކަށް 21 ހެކްޓަރުގެ ގުރައިދޫއަކީ މިއަދު ބިން ފުރިފައިވާ ރަށެކެވެ. ރަށުގެ ރައްޔިތުންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެއީއެވެ. މީހުން ދިރިއުޅޭ 400 އެއްހާ ގޯތިއޮތްއިރު، އެރަށުން އެންމެފަހުން ގޯތިދޫކޮށްފައި ވަނީ 2003 ވަނަ އަހަރުގައެވެ. ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެ ފައްކާވިނަމަވެސް، ވިޔަފާރި ކުރުމަށާއި ގޯތިދޫކުރާނެ ޖާގައެއް މިއަދު އެރަށަކު ނެތެވެ.
ގުރައިދޫއަށް ދިމާވެފައިވާ ބިމުގެ މައްސަލައަށް ހައްލު ހައްލުކުރުމަށްޓަކައި ބިން ހިއްކައިދެއްވާނެކަމަށް ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ވަޢުދުވެވަޑައިގެންފައެވެ. އެމަނިކުފާނުގެ މި ވަޢުދުފުޅު ހަޤީޤަތަކަށް ހެދުމުގެ މަސައްކަތް އެމް.ޓީ.ސީ.ސީން މިހާރު މިވަނީ ފަށާފައެވެ. ބިން ހިއްކުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް، ބިން ހިއްކާ ސަރަޙައްދު ތައްޔާރުކުރުމުގެ މަސައްކަތް އެކުންފުނިން ދަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން ރަށުން 15 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މަޢޫލޫމާތު ދެއްވަމުން ގުރައިދޫ ކައުންސިލުގެ ރައީސް ޙުސެއިން ޔާމީން މުޙައްމަދު ވިދާޅުވީ، ގުރައިދޫގެ ބިމުގެ ޖާގަ ބޮޑުވެގެން ދިއުމަކީ އެރަށުގެ ރައްޔިތުން އެތައް ދުވަހެއް ވަންދެން ދެކެމުންދިޔަ ހުވަފެނެއްކަމަށެވެ. އަދި މިއަދު އެކަން ހަޤީޤަތަކަށް ވެގެންދާއިރު، މި މަޝްރޫޢުގެ ސަބަބުން ވިޔަފާރީގެ އިތުރު ފުރުޞަތުތަކެއް ހުޅުވި، ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް ހައްލު ލިބިގެންދާނެކަމަށް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ، ޕްލޭނިންގ މިނިސްޓްރީން ކައުންސިލާއި ހިއްސާކޮށްފައިވާ އަލަށް ހިއްކާ ސަރަޙައްދުގެ ޒޯނިންގ ޕްލޭންގައި ބޯހިޔާވަހިކަމަށް 4.75 ހެކްޓަރު ކަނޑައަޅާފައި ވާކަމަށެވެ. ނަމަވެސް އެރަށުން ގޯތިދޫނުކުރާތާ 17 އަހަރުވެފައި ވާތީ، ބޯހިޔާވަހިކަމަށް އޮތް ޑިމާންޑް އެތައްގުނައެއް ބޮޑުވެފައި ވާތީ، އެ ޕްލޭނަށް ބަދަލުގެނެސް ވީހާވެސް ގިނަ ބަޔަކަށް ގޯތިދޫކުރެވޭނެ ގޮތް ހެދުމަށް ކަމާބެހޭ ފަރާތްތަކާއި މަޝްވަރާކުރަމުންދާކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެ އަދަދު އިތުރުކުރުމަށް. 2003 ވަނަ އަހަރުން ފެށިގެން ގޯތިނުދެވި ހުރީމައި ވަރަށް ގިނަ ބަޔަކު ބޭނުންވޭ. ގޯތީގެ ޑިމާންޑް ވަރަށް ބޮޑު. ބޯހިޔާވަހިކަމުގެ ޑިމާންޑް ވަރަށް ބޮޑުވެފައި ރަށުގައި މިހާރު މިއޮތީ. އަޅުގަނޑުމެންނަކަށް ޤަބޫލެއް ނުކުރެވޭ 4.75 ހެކްޓަރުން މިހާރު މި ގޯތި ބޭނުންވާ ޢަދަދަށް ކޭޓަރ ކުރެވޭނެކަމަކަށް. އެހެންވީމަ އެ ޢަދަދު ބަދަލުކޮށް، ވީ އެންމެ ގިނަ ބަޔަކަށް މި ހިއްކޭ ބިމުން ގޯތިދިނުމަށް ކަނޑައެޅުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. އުއްމީދަކީ ގޯތިބޭނުންވާ އެންމެނަށްވެސް މި ހިއްކާ ބިމުން ގޯތިދޫކުރެވުން" ގުރައިދޫ ކައުންސިލުގެ ރައީސް ޔާމީން ވިދާޅުވިއެވެ.
ގުރައިދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން އެރަށާއި ވަކިން ދުރު ފަޅުމަތީގައި 1.7 ހެކްޓަރުގެ ބިން ހިއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްޤީކުރާ ތަނެކެވެ. ގުރައިދޫ ކައުންސިލުގެ ރައީސް ޔާމީން ވިދާޅުވީ، އެތަން ރައްޔިތުންނަށާއި އަދި ރަށަށް ޒިޔާރަތްކުރާ މީހުންނާއި ފަތުރުވެރިންނަށްވެސް ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެހެން ތަރައްޤީކުރެވިގެންދާނެކަމަށެވެ.
މި މަޝްރޫޢުގެ ދަށުން އެންމެ ބޮޑަށް ހިއްކުމަށް ނިންމާފައި ވަނީ ގުރައިދޫގެ ހުޅުނގު ފަރާތުންނެވެ. އެ ސަރަޙައްދުން 12.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. ޔާމީން ވިދާޅުވީ، ރަށުގެ އިރުމަތީ ފަރާތުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކުމަކީ ރައްޔިތުން ވަރަށް ބޭނުންވާކަމެއްކަމުން، މި ޕްރޮޖެކުގެ ތެރެއިން އިރުމަތީ ފަރާތްވެސް ވީހާ ބޮޑަކަށް ހިއްކިގެންދިއުމަކީ ރައްޔިތުން އެދޭގޮތެއްކަމަށެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ގުރައިދޫ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 27 އޯގަސްޓް 2019 ގައެވެ. މި މަޝްރޫޢުގެ ދަށުން ބިން ހިއްކުމުގެ އިތުރުން 1200 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތްވެސް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫޢަށް ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 85 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވެއެވެ.