ވިޔަފާރި

ބޯޑަރު ހުޅުވިތާ 1 މަސް : ރާއްޖެ އައީ 5177 ފަތުރުވެރިން


ރާއްޖޭގެ ބޯޑަރު ހުޅުވާލިތާ މަސް ދުވަސް ވެފައިވާއިރު މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 5177 ފަތުރުވެރިންކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ބޯޑަރު ހުޅުވާލާފައިވަނީ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ. މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި 15އިން އޮގަސްޓް 15ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 5177 ފަތުރުވެރިންނެވެ. މިއީ ޖުލައިމަހު ރާއްޖެއައި 1701 ފަތުރުވެރިންނާއި މިހިނގާ އޮގަސްޓް މަހުގެ 15ގެ ނިޔަލަށް ރާއްޖެއައީ 3476 ފަތުރުވެރިންނެވެ.

އިމިގްރޭޝަންގެ މި ތަފާސްހިސާބުތަކަށް ބަލާއިރުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މިއަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައިމަހާ އަޅާބަލާއިރު މިމަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު މިވަނީ އިތުރުވެފައެވެ. އޮގަސްޓް މަހުގެ 15 ގެ ނިޔަލަށް އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ އޮގަސްޓް 8ވަނަ ދުވަހުއެވެ. އެއީ ޖުމްލަ 385 ފަތުރުވެރިންނެވެ. އެންމެ މަދުން ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 12ވަނަ ދުވަހުއެވެ. އެއީ 71 ފަތުރުވެރިންނެވެ.

އޮގަސްޓް މަހުގެ ފުރަތަމަ 15އަށް ބަލާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔޫއޭއީއިންނެވެ. އެއީ 504 ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އިނގިރޭސިވިލާތުންނެވެ. އެއީ 421 ފަތުރުވެރިންނެވެ. 336 ފަތުރުވެރިންނާއިއެކު ތިން ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި އެމެރިކާއިންނެވެ.

ޖުލައިމަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައު ޤައުމުތަކަށް ބަލާއިރުވެސް 1 ވަނަ އިގައި އުޅެނީ އިނގިރޭސިވިލާތެވެ. އެޤައުމުން 258 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ އެމެރިކާއިންނެވެ. އެއީ 189 ފަތުރުވެރިންނެވެ. 143 ފަތުރުވެރިންނާއިއެކު 3 ވަނައިގައި އޮތީ ޔޫއޭއީއެވެ.