ޚަބަރު

ފަރުތައް ދިރުވުމާއިގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވަނީ


ހަލާކުވަމުންދާ ރާއްޖޭގެ ފަރުތައް ދިރުވައި ދެމެހެއްޓުމާއި ގުޅޭގޮތުން ކަމާއިގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އެމް.އެމް.އާރް.އައިއިން ނިންމައިފިއެވެ.

މި މަސައްކަތު ބައްދަލުވުމަކީ، މޫސުމަށް އަންނަ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން މަރުވެ ހަލާކުވަމުން އަންނަ ފަރުތަށް އަލުން ދިރުވައި ދެމެހެއްޓުމަށް، ފަރުގެ ދިރުންތައް މުއްސަނދިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށް، މިކަންކަމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރުމަށް ބާއްވަން ނިންމާފައިވާ ބައްދަލުވުމެކެވެ.

ބައްދަލުވުމުގެ ބައިވެރިން ހާޟިރުވެގެން ބައްދަލުވުން ބޭއްވުމަށް ކުރިން ނިންމި ނަމަވެސް، ކޯވިޑާއި ގުޅިގެން މިހާރު މި ބައްދަލުވުން ބޭއްވުމަށް ނިންމާފައިވަނީ އޮންލައިންކޮށެވެ. މި ބައްދަލުވުން މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރުމަހުގެ 1ވަނަ ދުވަހުއެވެ.

ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ އާއްމުކޮށް ހުޅުވާލާފައެވެ. އެގޮތުން ބައިވެރިވާން ބޭނުން ފަރާތްތައް ރެޖިސްޓްރީވުމަށް ެދޭ ފޯމް އެމް.އެމް.އާރް.އައިގެ ވެބްސައިޓުން ލިބެން ހުންނެކަމަށް އެ އިންސްޓިއުޓުން ބުނެއެވެ.

މި މަސައްކަތު ބައްދަލުވުމުގައި ފަރުތަށް ޙިމާޔަތްކޮށް ދިރުވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރެވޭ މިންވަރާއި، މި މަސައްކަތްތަކުގެ ކާމިޔާބީ ދެނެގަތުމަށް މަޢުލޫމާތު ބަދަލުކުރާނެއެވެ.

މީގެ އިތުރުން، މި މަސައްކަތު ބައްދަލުވުމުގައި ފަރުތައް ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ހަރަކާތަކާއި ގުޅޭގޮތުން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި، އޮސްޓްރޭލިޔާގެ ކޮމަންވެލްތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާރޗް އޯގަނައިޒޭޝަން (ސީ.އެސް.އައި.އާރ.އޯ) ގުޅިގެން މައުލޫމާތު ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ.