އދ.މާމިގިލިން ކުޑަކުއްޖަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ އެޗްއީއޯސީން ވިދާޅުވެއްޖެއެވެ.
އެރަށުން ޕޮސިޓިވްވެފައި ވަނީ 6 އަހަރުގެ ކުއްޖެއްކަމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ. އެޗްއީއޯސީން މިއަދު ވިދާޅުވީ، މާމިގިލިން ޕޮސިޓިވްވި ކުއްޖާއަށް ކޯވިޑް-19 ޖެހިފައިވާކަން އެނގިފައި ވަނީ ފުރަބަންދު ކަރަންޓީނުން ދޫކޮށްލުމަށް ހެދި ޓެސްޓުންކަމަށެވެ.
އަތޮޅުތަކުގެ އިތުރު ތިން ރަށަކުންވެސް މިއަދު ކޯވިޑް 19ގެ ކޭސްތަކެއް ފެނިފައިވާކަމަށް އެޗްއީއޯސީން ހާމަކުރެއެވެ. އެގޮތުން ފ.ނިލަންދޫއން 4 އަަހަރުގެ ކުއްޖަކުވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ. އަދި ނ.މިލަންދޫއިން 22 އަހަރުގެ ދިވެހި އަންހެނަކާއި، ކ.ހިންމަފުށިން 29 އަހަރުގެ ދިވެހި ފިރިހެނަކުވަނީ ބައްޔަށް ޕޮސިޓިވްވެފައެވެ.
މި ހުރިހާ ކޭސްތަކަކީވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރުމަށްފަހު ނެގި ސާމްޕަލްތަކުން ބައްޔަށް ޕޮސިޓީވްވިކަން އެނގުނު މީހުންނެވެ.
ނ.މިލަންދޫއިން އޭޕްރިލް މަހުވެސް ވަނީ މީހާކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައެވެ. އަދި ފ.ނިލަންދޫއިންވެސް މިމަހުވަނީ ކޯވިޑްގެ ކޭސްތަކެއް ފެނިފައެވެ.
ކ.ހިންމަފުށިން މީގެކުރިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައި ވަނީ، އެރަށުގައި ހުންނަ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން ދޔަ ބައެކެވެ.