ވިޔަފާރި

މިމަހުގެ 13ގެ ނިޔަލަށް 4000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި


ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން އޮގަސްޓް މަހުގެ 13ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 4000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ބޯޑަރު ހުޅުވާލި ދުވަހުން ފެށިގެން މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ރާޖެއަށް ޖުމްލަ 4806 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާކަމަށެވެ. މީގެތެރޭގައި ހިމެނެނީ ޖުލައި މަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، މިހިނގާ އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއައި 3054 ފަތުރުވެރިންނެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލައި އަލުން ފަތުރުވެރިން ރާއްޖެ އަންނަން ފަށަފައިވަނީ ޖުލައިމަހުގެ 15ވަނަ ދުވަހުއެވެ. އިމިގްރޭޝަންގެ މި ތަފާސްހިސާބުތަކަށް ބަލާއިރުވެސް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު މިއަންނަނީ އިތުރުވަމުންނެވެ. އެގޮތުން ޖުލައިމަހާ އަޅާބަލާއިރު މިމަހުގެ މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ ޢަދަދު މިވަނީ އިތުރުވެފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން އާންމުކުރެއްވި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 5 ޤައުމުތަކުގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތާއި އެމެރިކާއާއި ޔޫއޭއީއާއި ޖަރުމަނުވިލާތް އަދި ސްވިޒަލޭންޑެވެ.

ބޯޑަރު ހުޅުވުމާއެކު ރާއްޖެ އަންނަ ފްލައިޓުގެ އަދަދު ވަނީ އިތުރުވާން ފަށާފަ އެވެ. ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކަކުން މިހާރު ވަނީ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށާފައެވެ. އޭގެތެރޭގައި އެމިރޭޓްސް، ސްރީލަންކަން އެއަރލައިން ގަތަރު އެއާވޭސް އަދި ޓާކިޝް އެއާލައިން ހިމެނެއެވެ.

ބޯޑަރު ހުޅުވުމާއެކު ޕްރައިވްޓް ޖެޓްތައްވެސް ވަނީ ރާއްޖެ އަންނަން ފަށާފައެވެ. އެގޮތުން މިމަހުގެ 10ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 30 ޕްރައިވެޓް ޖެޓް ވަނީ އައިސްފައެވެ. މީގެ ތެރެއިން 10 ޖެޓު ޖައްސާފައިވަނީ މާފަރު އިންޓަނޭޝަނަލް އެއަރޕޯޓަށެވެ.