ވިޔަފާރި

55 ސަފާރީއަކަށް ޙިދުމަތްދިނުމުގެ ހުއްދަ ދީފި


ކޯވިޑްއަށްފަހު ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ހުއްދަ55 ސަފާރީއަކަށް ޓޫރިޒަމް މިނިސްޓްރީން ދީފިއެވެ.

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ އިއްޔެގެ ނިޔަލަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ 55 ސަފާރީއަކަށް ޙިދުމަތްދިނުމުގެ ހުއްދަ ދީފައިވާކަމަށެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރިސޯޓްތަކާއިއެކު ސަފާރީތައްވެސް ހުޅުވާލުމަށް ވަނީ ހުއްދަދީފައެވެ. ނަމަވެސް ހުއްދަ ލިބެނީ ސަރުކާރުން ކަނޑައަޅާ ވަކި މިންގަނޑުތަކަކަށް ފެތޭ ސަފާރީތަކަށެވެ.

ސަފާރީތަކުން ހުއްދައަށް އެދޭއިރު ޓޫރިޒަމް މިނިސްޓްރީއަށް ޑިކްލަރޭޝަން ފޯމާއި، އޮޕަރޭޓިންގ ލައިސަންސްއާއި، މީރާގެ ޓެކްސް ކްލިއަރެންސް ފޯމާއި، އެ ސަފާރީއަކުން ސަލާމަތާއި ރައްކާތެރިކަމުގެ މިންގަޑުތައް ގެންގުޅޭނެ ގޮތުގެ ޕްލޭންއެއް ހުށައަޅަންޖެހެއެވެ. ޓޫރިޒަމް މިނިސްޓްރީން ހުއްދަދެނީ މިހުރިހާ ކަންކަމަކަށް ރިއާޔަތްކުރުމަށްފަހުގައެވެ.

ބޯޓިންގ އެސޯސިއޭޝަނުން ސަފާރީތަކަށް އަންގާފައިވަނީ ޙިދުމަތްދޭން ތާވަލްކުރާ ތާރީހުގެ ކުރިން ހުއްދަ ހޯދުމަށް އެދި ހުށައެޅުމަށެވެ. ސަބަބަކީ ހުއްދަ ހޯދުމުގެ މަރުހަލާގައި ގިނަ ވަގުތު ހޭދަވާތީއެވެ. ޙާއްސަކޮށް މީރާއަށް ދައްކަންޖެހޭ އެއްވެސް ޓެކްސްއެއްވާނަމަ ޓެކްސް ކްލިއަރެންސް ޕޯމު ހޯދުމަށް ލަސްތަކެއް ކުރިމަތިވުމަކީ އެކަށީގެންވާކަމެއްކަމަށް އެ އެސޯސިއޭޝަނުން ވަނީ ސަފާރީތަކަށް އަންގާފައެވެ.

ފަތުރުވެރިންނަށް ޙިދުމަތްދިނުމުގެ ފުރުސަތު މިވަގުތު 55 އުޅަނދަކަށް ލިބިފައިވިޔަސް ރާއްޖޭގައި 100 އަށްވުރެ ގިނަ ސަފާރީ އަންނަނީ އޮޕަރޭޓްކުރަމުންނެވެ. ހުއްދަ ލިބިފައިވާ ސަފާރީތަކަށް ބުކިންތައް ހައްދައި ފަތުރުވެރިންވެސް ދަނީ އަންނަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ޙުއްދަ ނުލިބެނީސް އެއްވެސް ސަފާރީއަކުން ފަތުރުވެރިންނަށް ޙިދުމަތްދީގެން ނުވާނެކަމަށްވެސް ބޯޓިން އެސޯސިއޭޝަނުން ސަފާރީތަކަށް ވަނީ އަންގާފައެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 60 އަށްވުރެ ގިނަ ރިސޯޓެއް އަލުން ހުޅުވާ ޙިދުމަތް ދޭން ވަނީ ފަށާފައެވެ. އަދި މާލެ ސަރަހައްދުގެ ބައެއް ގެސްޓްހައުސްތައް ވަނީ ޓްރާންސިޓް ހޮޓެލްގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަ ދީފައެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކާއި ހޮޓެލްތައް ހުޅުވުމަށް ހުއްދަ ދޭނެ ވަކި ތާރީޙެއް ސަރުކާރުން އަދި އިޢުލާންކޮށްފައެއް ނުވެއެވެ.

ސަރުކާރުގެ އަމާޒަކީ އަހަރު ނިމުމުގެ ކުރިން 8 ލައްކަ 50 ހާސް ޓުއަރިސްޓުން ރާއްޖެ ގެނައުމެވެ. އަދި މިއާއެކު ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.