ކޯވިޑް-19

ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައި ފުރާ ފަތުރުވެރިންގެ ސާމްޕަލް ނެގުން ހުޅުމާލޭގައި


ސަފާރީ އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރުމަށްފަހު، ފުރާ ފަތުރުވެރިންގެ ޕީ.ސީ.އާރް ޓެސްޓު ހެދުމަށް ހުޅުމާލޭގައި ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ސަފާރީ އުޅަނދުފަހަރުގައި ޗުއްޓީ ހޭދަކުރުމަށްފަހު، ފުރާ ފަތުރުވެރިންގެ ސާމްޕަލް ނެގުމަށްޓަކާ ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ޓެސްޓިންގ ބޫތު ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީގައެވެ. މި ބޫތުން ސަފާރީ އުޅަނދުފަހަރުން ފުރާ ފަތުރުވެރިންގެ ސާމްޕަލް ނެގުމުގެ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ.

މި އިންތިޒާމް ހަމަޖައްސާފައި ވަނީ ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެން.ބީ.އޭ.އެމް އާއި، ޓޫރިޒަމް މިނިސްޓްރީ އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗް.ޑީ.ސީއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ. އެޗް.ޕީ.އޭ އަދި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެންނެވެ.

މިކަމާގުޅޭގޮތުން ނެޝަނަލް ބޯޓިންގ އެސޯސިއޭޝަނުން ބުނީ ސާމްޕަލް ނެގުން އިންތިޒާމު ކުރުމަށް ފަތުރުވެރިންގެ ތަފްޞީލުތައް އެން.ބީ.އޭމްއަށް އީމެއިލް މެދުވެރިކޮށް [email protected] ނުވަތަ ފޯނު މެދުވެރިކޮށް 7970033 ދުރާލާ ޙިއްޞާކުރަންޖެހޭނެ ކަމަށެވެ. އަދި ފަތުރުވެރިން ފުރަން ދާއިރު ޓެސްޓުގެ ނަތީޖާ ލިބޭހައި ވަގުތު އޮއްވައި ސާމްޕަލް ނެގުމަށް ސަމާލުކަންދިނުމަށްވެސް އެ އެސޯސިއޭޝަނުން އެދިފައިވެއެވެ.

ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގެ ބޯޑަރު ފަތުރުވެރިންނަށް ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލުމުގައި މި ޞިނާޢަތުގެ އެންމެހައި ބައިވެރިން ދަނީ ސަލާމަތީ ފިޔަވަޅުތައް ތަންފީޛުކުރުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި ކަމާބެހޭ އެހެނިހެން އިދާރާތަކާއި ގުޅިގެން މަސައްކަތްކުރަމުންނެވެ.

އެގޮތުން ޓޫރިޒަމް އަލުން ހުޅުވާލުމުގެ ގައިޑްލައިނެއް ސަރުކާރުން ނެރެފައި ވާއިރު، ޓޫރިސްޓުންނަށް ކޯވިޑް-19 ޓެސްޓުކުރުމާގުޅޭ ޚާއްސަ ސަރކިއުލަރއެއްވެސް ޓޫރިޒަމް މިނިސްޓްރީން ދާދިފަހުން ވަނީ ނެރެފައެވެ. އަދި ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީތަކުގައި ޗުއްޓީ ހޭދަކުރެވޭނީ އެޗް.ޕީ.އޭއިން ކަނޑައަޅާފައި އޮންނަ ޢުޞޫލުގެ މަތިންކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ އަންގާފައެވެ.

ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓްކުރުމާގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސަރކިއުލަރގައިވާގޮތުން ޔޮޓާއި ސަފާރީތައްފަދަ އުޅަނދުތަކުގައި ޗުއްޓީހޭދަކުރާ ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް، އެ އުޅަނދެއް ހަރަކާތްތެރިވާ އަތޮޅެއް ނުވަތަ ރީޖަނަލް ހޮސްޕިޓަލުގެ ފޯކަލް ޕޮއިންޓްތަކާގުޅިގެން ހަމަޖެއްސިދާނެއެވެ. ނަމަވެސް ކޮންމެ އުޅަނދެއްގައި ޔޫ.ޓީ.އެމް ޓެސްޓް ކިޓުގެ ސްޓޮކެއް ހުންނަންވާނެކަމަށާއި، އެއްތަނުން އަނެއްތަނަށް ފަސޭހައިން ސާމްޕަލް ފޮނުވޭނެހެން އިންތިޒާމްތައް ހަމަޖެއްސުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.