ކޯވިޑް-19

ކޯވިޑް-19 : ޙާލަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވެމުންދޭ - މެޑިކަލް އެސޯސިއޭޝަން


ރާއްޖޭގައި ކޯވިޑް-19 ޙާލަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެދެވޭ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާ ކަމަށް މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން ބުނެފިއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން، އެމް.އެމް.އޭއިން ބުނީ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގައި ހިމެނޭ އެޖަމިއްޔާއަށް ނިސްބަތްވާ ޑޮކްޓަރުންގެ އިރުޝާދާއެކު ރާއްޖޭގައި ކޯވިޑް-19 ޙާލަތު ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ. އަދި އެކަމުގެ ހެޔޮ އަސަރު ކޯވިޑް-19ގެ މި ޙާލަތުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ފެންނަމުންދާކަމަށް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަކީ ކޯވިޑް-19 ރާއްޖޭގެ ޙާލަތު މޮނިޓަރކޮށް އަޅަން ފެންނަ ފިޔަވަޅުތަކާ ގުޅޭގޮތުން ސަރުކާރަށް ބޭނުންވާ ޚިޔާލާ މަޝްވަރާދެއްވުމަށް އުފައްދަވާފައިވާ ގްރޫޕެކެވެ.

އެމް.އެމް.އޭއިން ބުނީ، ކޯވިޑް-19 ގެ މި ބަލިމަޑުކަމުގެ ތެރޭގައި އެންމެ މުހިއްމީ ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި އެންމެން ގުޅިގެން މަސައްކަތް ކުރުންކަމަށެވެ. އަދި އެކަށީގެންވާ ނަތީޖާތަކެއް ނެރެވޭނީވެސް މިގޮތުގައި ކުރެވޭ މަސައްކަތްތަކުންކަމަށާއި، މިވަގުތަށް އެންމެ ފައިދާހުރި ގޮތަކީވެސް ގުޅިގެން މަސައްކަތް ކުރުންކަމަށް މެޑިކަލް އެސޯސިއޭޝަނުން ބުނެއެވެ. އެޖަމިއްޔާއިން ބުނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، އެ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމުގައި ސަރުކާރަށް ބޭނުންވާ އެހީތެރިކަން އެމް.އެމް.އޭގެ ފަރާތުން އަބަދުވެސް ލިބިގެންދާނެކަމަށެވެ. އަދި ކެޕޭސިޓީ ހުރި މިންވަރަކުން އެކަމުގައި ސަރުކާރަށް ބޭނުންވާ އެއްބާރުލުން އަބަދުވެސް ދެމުންގެންދާނެކަމަށްވެސް އެމް.އެމް.އޭއިން ބުނެއެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ކުރިއެރުވުމުގައި ފާއިތުވި އަހަރުތަކުގައި ހުރަސްތަކާއި ގޮންޖެހުންތަކާއި ކުރިމަތިވެފައިވީނަމަވެސް، އެދެވޭ ބަދަލުތަކެއްވެސް އަދި ކާމިޔާބީތަކެއްވެސް ހޯދިފައިވާކަން މެޑިކަލް އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ޞިއްޙީ ނިޒާމު ތަރައްޤީކުރުމަށް އަދިވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭކަން ޤަބޫލުކުރާކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަން، އެމް.އެމް.އޭއަކީ ރާއްޖޭގައި މަސައްކަތް ކުރާ ޑޮކްޓަރުން ހިމެނެހޭން ހިލޭ ސާބަހަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާއިން އަންނަނީ 2005 ވަނަ އަހަރުން ފެށިގެން ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.