ކޯވިޑް-19

މާލޭ ސަރަޙައްދުގައި އާއްމު ޙިދުމަތްދޭ ތަންތަނުގެ ތެރެއިން 246 ތަނެއް ބަންދުކުރަންޖެހުނު: އެޗް.އީ.އޯ.ސީ


މާލޭ ސަރަޙައްދުގައި އާއްމު ޚިދުމަތްދޭ ތަންތަނުގެ ތެރެއިން އެޗް.ޕީ.އޭގެ މިންގަނޑުތަކާ ޚިލާފުވެގެން 246 ތަނެއް ބަންދުކުރަން ޖެހުނުކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، މާލޭ ސަރަޙައްދުގައި އާއްމު ޚިދުމަތްދޭ ތަންތަން ހިންގަނީ އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށްތޯ ބެލުމަށް ފަށާފައިވާ އިންސްޕެކްޝަންގެ ދަށުން މާލެ، ހުޅުމާލެ އަދި ތިލަފުށީގައި ހުރި ހުރިހާތަނެއް މިއަދުގެ ނިޔަލަށް އެއްފަހަރު ބަލައި އިންސްޕެކްޓްކޮށްފައިވާކަމަށެވެ.

މި އިންސްޕެކްޝަންގެ ދަށުން މިއަދު 136 ތަނެއް އިންސްޕެކްޓްކޮށްފައިވާއިރު، މީގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ 37 ތަނަކާއި، 11 ސެލޫނަކާއި، 88 ފިހާރައެއް ހިމެނެއެވެ. އަދި އިންސްޕެކްޓްކުރި ތަންތަނުގެ ތެރެއިން 9 ތަނެއް މިއަދު ވަނީ ބަންދުކޮށްފައެވެ. ބަންދުކުރި ތަންތަނުގެ ތެރޭގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަނަކާއި، 3 ސެލޫނާއި، 5 ފިހާރައެއް ހިމެނެއެވެ. އަދި ކުރިން ބަންދުކުރި 16 ތަނެއް އަލުން ހުޅުވުމުގެ ހުއްދަވެސް މިއަދު ވަނީ ދީފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މި އިންސްޕެކްޝަނުގައި މިހާތަނަށް މާލޭ ސަރަޙައްދުގައި އާއްމު ޚިދުމަތްދޭ 1546 ތަނެއް އިންސްޕެކްޓްކޮށްފައިވާކަމަށެވެ. އަދި އޭގެ ތެރެއިން އެޗް.ޕީ.އޭގެ މިންގަނޑުތަކާ ޚިލާފުވެގެން 246 ތަނެއް ބަންދުކުރަން ޖެހުނުކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. މި އިންސްޕެކްޝަންތައް ކުރިއަށްދިޔައިރު، އެންމެ ބޮޑަށް ފާހަގަކުރެވުނުކަމަކީ އެ މަސައްކަތް ފެށި ކުރީކޮޅާއި ބަލާފައި ފަހުން އިންސްޕެކްޝަންގެ ތެރެއިން ބަންދުކުރަން ޖެހުނުތަންތަނުގެ ޢަދަދު މަދުވަމުން ދިޔުންކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.

"އެންމެ ފާހަގަކުރެވުނުކަމަކީ އިންސްޕެކްޝަން ފުރަތަމަ ފެށި ދެ ދުވަހު އަޅުގަނޑުމެން އިންސްޕެކްޓްކުރި ތަންތަނުން ގާތްގަނޑަކަށް 50 ޕަސެންޓް ތަންތަން ބަންދުކުރަން ޖެހުނު. ނަމަވެސް އިންސްޕެކްޝަންތައް ކުރިއަށްދިޔަ ވަރަކުން ފާހަގަކުރެވުނު ބަންދުކުރަންޖެހޭ ތަންތަނުގެ އަދަދު ނިސްބަތުން ކޮންމެ ދުވަހަކުވެސް މަދުވަމުންދިޔަކަން. މީގެ މާނައަކީ ވަރަށް ގިނަ ފަރާތްތަކަކުން އަޅުގަނޑުމެންގެ ގައިޑްލައިންތަކާ އެއްގޮތަށް އެތަންތަން ބެހެއްޓޭތޯ ޔަޤީންކުރަން މަސައްކަތްކުރާކަން" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާލޭ ސަރަހައްދުގައި އާއްމު ޚިދުމަތްދޭ ހުރިހާ ތަނެއް ފުރަތަމަ ބުރަށް އިންސްޕެކްޓްކޮށް ނިމިފައިވާތީ، އިންސްޕެކްޝަންގެ މަސައްކަތްތައް މިވަގުތައް މަޑުޖައްސާލަން ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ކުރިއަށްއޮތްތާނގައިވެސް މި އިންސްޕެކްޝަންތައް ކުރިއަށްދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އާއްމު ޚިދުމަތްދިނުމުގައި އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި މިންގަނޑުތަކަށް ހުރިހާ ފަރާތްތަކަކުންވެސް އިޙްތިރާމްކޮށް، މިހާރެކޭވެސް އެއްގޮތަށް އެކަންކަން ދެމެހެއްޓުމަށް ޑރ. ނަޒްލާ ވަނީ އިލްތިމާސްކުރައްވާފައެވެ.