ކޯވިޑް-19

ކޯވިޑް-19 : މާސްކު ނާޅައި އުޅުނު 278 މީހަކު މިހާތަނަށް ވަނީ ޖޫރިމަނާކޮށްފައި


ގްރެޓަރ މާލޭ ސަރަހައްދުގައި މާސްކު ނާޅާ ބޭރުތެރޭގައި އުޅުނު 278 މީހަކު މިހާތަނަށް ޖޫރިމަނާކޮށްފައިވާކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު، އެޗް.އީ.އޯ.ސީން ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި އެޗް.އީ.އޯ.ސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، މާލޭ ސަރަޙައްދުގައި އާއްމުތަންތަނަށް ނުކުންނަށްއިރު މާސްކް އެޅުން މަޖުބޫރުކުރިފަހުން، އުޞޫލާ ޚިލާފުވެގެން މިހާތަނަށް 1356 މީހަކަށް ފުލުހުން ނަސޭހަތްތެރިވެފައިވާކަމަށެވެ. އަދި މާސްކް ނާޅާ އާއްމު ތަންތަނަށް ނުކުތް 278 ފަރާތެއް މިހާތަނަށް އައިއިރު ޖޫރިމަނާކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާތީ، ފުލުހުން މިދަނީ މާސްކު އަޅަނީ ކިހިނެއްތޯ ބަލާ، އެކަން ތަންފީޒުކުރަމުން. އިއްޔެގެ 6 އިން މިއަދު ހަވީރު 5 އަކަށް 137 މީހަކަށް މިވަނީ ނަސޭޙަތް ދެވިފައި. އަދި 62 މީހަކު ޖޫރިމަނާކޮށްފައިވޭ. މިހާތަނަށް ޖުމްލަ 1356 މީހަކަށް ނަސޭޙަތްދީ، 278 މީހަކު ވަނީ ޖޫރިމަނާކޮށްފައި" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ، މާލޭ ސަރަޙައްދުގައި ކޯވިޑް-19 ގެ ކޭސްތައް އިތުރުވާން ފެށުމާގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒުކުރާ މިންވަރު ފުލުހުން ވަރަށް ގާތުން ބަލަމުންދާކަމަށެވެ. އެގޮތުން ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 ޖެހުމާއި ހަމައަށް މަގުމަތީގައި އެއްޗެހި ދުއްވުމާއި، މީހުން ނުކުމެ އުޅުން މަނާކޮށްފައިވާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް މަނާ ގަޑީގައި ބޭރުތެރެއަށް ނުކުމެ އުޅުނު 157 މީހަކަށް ނަސޭޙަތްދީ، 79 މީހަކު ޖޫރިމަނާކޮށްފައިވާކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި ވީނަމަވެސް، ހުރިހާ ރަށެއްގައިވެސް ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޗް.ޕީ.އޭއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން މިވަގުތު ވަރަށް މުހިއްމުކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.

މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާސްކު ނާޅައި ޢާންމު ތަންތަނުގައި އުޅޭނަމަ އެމީހަކު 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މާލެ ސަރަހައްދުގައި މާސްކުއެޅުން މަޖްބޫރުކޮށްފައިވާއިރު އެކަމުން އިސްތިސްނާ ވަނީ ހަމައެކަނި ދެ އަހަރުން ދަށުގެ ކުޑަކުދިންނާއި، ކަސްރަތުކުރަން ނުކުންނަ މީހުން ކަސްރަތުކުރާ ވަގުތުއެވެ. މީގެ އިތުރުން އެހެން މީހެއްގެ އެހީގައި މާސްކު އަޅާ މީހުންވެސް މިއެންގުމުން އިސްތިސްނާވެއެވެ.