ކޯވިޑް-19

ކޯވިޑް-19 : މާސްކް އަޅަންވީ ދަތްދޮޅި ނިވާކުރާކަށް ނޫން


ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ބަލިން ރައްކާތެރިވުމުގެ ގޮތުން ޞިއްޙީ ފަރާތްތަކުން އެންމެ ބޮޑަށްދޭ އިރުޝާދަކީ އާއްމު ތަންތަނަށް ނުކުންނައިރު ފޭސް މާސްކް ބޭނުންކުރުމަށެވެ. މިއީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިންވެސް މިދަނޑިވަޅުގައި ކުރުމަށް އެންމެ ބޮޑަށް ބާރު އަޅާކަމެވެ. ނަމަވެސް މާސްކް އެޅުމުގައި ސަމާލުވާންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

އަޅުގަނޑުމެންގެ ރާއްޖެއަށް ބަލާލާއިރު، ކޯވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ގްރޭޓަރ މާލެ ސަރަޙައްދުގައެވެ. މިއާއެކު މާލޭ ސަރަހައްދުގައި ދިރުއުޅޭ މީހުންނަށް މާސްކް އެޅުން މިވަނީ ޒަރޫރީކަމަކަށްވެފައެވެ. ނަމަވެސް މާސްކް އަޅާއިރު، އޭގެ މަޤްޞަދާއި ބޭނުން ޙާސިލުވާގޮތަށް މާސްކް އަޅަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންތޯ މިއީ ކޮށްލަން ރަނގަޅު ސުވާލެކެވެ.

ފުރަބަންދަށްދިން ލުއިތަކާއެކު މާލޭގެ މަގުތަކުގައި ހޭލަމޭލައަށް ނުކުމެ އުޅޭ މީހުންގެ އަދަދު އިތުރުވެފައިވާއިރު، ނަމެއްގައި މާސްކް އަޅައިގެން ނުކުންނަ ފަރާތްތައްވެސް ވަކި މަދެއް ނޫނެވެ. ރައްޓެހިންނާއެކު ސައިކަލް ބުރުޖަހަން ނުކުންނައިރު، ނޭފަތާއި އަނގަ ރަނގަޅަށް ނިވާކުރުމުގެ ބަދަލުގައި ދަތްދޮޅީގައި މާސްކް އެލުވާލައިގެން ސައިކަލު ދުއްވާ މަންޒަރު ފެންނަލެއް މަދެއްނޫނެވެ. ގޭގެ ދޮރުމަތީގައާއި ކަންކަންމަތީ މާސްކް ތިރިކޮށްލައިގެން ސިނގިރޭޓު ބޯންތިބޭއިރު، އެއިން ނުކުންނަ ދުމުގެ އަސަރު މާސްކަށްވެސް ފޯރައެވެ. ސިނގިރޭޓު ބޮއިނިންމާފައި އަލުން ހަމަ އެ މާސްކް އަޅާއިރު، މިއީ ޞިއްޙީގޮތުން ބެލިކަމުގައިވިޔަސް ކުރަން އެހާ ރައްކާތެރިކަމެއްނޫނެވެ.

ފަހަކަށް އައިސް ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކަންބޮޑުވާހާ ހަލުވިމިނެއްގައި އިތުރުވަމުންދާއިރު، މާލޭ ސަރަޙައްދުގައި އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އެޅުން މިހާރު މިވަނީ މަޖުބޫރުކޮށްފައެވެ. އަދި މިކަމާ ޚިލާފުވާ ފަރާތްތަކަށް ނަސޭހަތްދީ، ދެވަނަ ފަހަރަށްވެސް އެކަން ތަކުރާރުކުރާނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

ކޯވިޑް-19 އަކީ ބަލިޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު ބޭރުވާ ކުޅު ނުވަތަ އަރިދަފުހުގެ ޒަރީޢާއިން އެކަކު އަނެކަކުގެ ގަޔަށް ވަރަށް ފަސޭއިން ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހިފައިވާ މީހަކު މާސްކްއެޅުމުން އޭނާގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރެވެއެވެ. މި ބަލީގެ ޢަލާމާތްތައް ފެނިފައިނުވާ މީހުންގެ ފަރާތުންވެސް ބަލި ފެތުރުމުގެ ފުރުޞަތު އޮތްކަމަށް ދިރާސާތަކުން ދައްކައެވެ. މާސްކް އެޅުމުގެ ސަބަބުން ބަލިޖެހިފައިވާ މީހާގެ އަލާމާތެއް ނުފެނުނު ކަމުގައިވިޔަސް ކެއްސާ ކިނބިހި އަޅާއިރު އަދި ވާހަކަދައްކާއިރު އަނގައިން ބޭރުވާ ކުޅުތިކިތައް ވައިގެތެރެއިން އަނެއްމީހާއަށް ވާސިލްވުން ކުޑަކުރުމަކީ މި ބަލި މުޖުތަމަޢު ތެރޭގައި ފެތުރުން ކުޑަކުރެވޭނެ ކަމެކެވެ.

އާއްމު ތަންތަނުގައި މާސްކް އެޅުން މަޖުބޫރުކޮށްފައިވާއިރު، ރައްކާތެރިކަމާއެކު މާސްކްއެޅުމާއި ބޭނުންކުރުމުގައި ޢަމަލުކުރާނެގޮތުގެ ޢުޞޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން މީގެކުރިން ވަނީ އާއްމުކުރައްވާފައެވެ. މި ޢުޞޫލުގައި ޞިއްޙީ ޚިދުމަތްތެރިންނާއި ބަލިމީހުންނާއި ގާތުން މަސައްކަތްކުރާ މީހުން މެޑިކަލް މާސްކް ނުވަތަ ސަރޖިކަލް މާސްކް ބޭނުންކުރުމަށް ވަނީ އަންގަވާފައެވެ. އަދި އެހެން ފަރާތްތަކަށް ފޮތި މާސްކް ބޭނުންކުރެވިދާނެކަން އެޗްޕީއޭއިން ހާމަކުރައްވާފައިވާއިރު، މިގޮތަށް ބޭނުންކުރާ ފޮތި މާސްކް ހުންނަންވީގޮތްވެސް އެޗް.ޕީ.އޭއިން ނެރުނު އުސޫލުގައި ވަނީ ބަޔާންކޮށްދެއްވާފައެވެ.

އެޗް.ޕީ.އޭއިން އާއްމުކޮށްފައިވާ އުޞޫލުގައި ފޮތި މާސްކް ހުންނަންވީގޮތާއި، މާސްކް އެޅުމުގައި ސަމާލުކަންދޭންވީ ކަންތައްތައް ވަނީ ވަރަށް ތަފްޞީލުކޮށް ހިމަނާފައެވެ. އެގޮތުން މާސްކް ހެދުމަށް ބޭނުންކުރާ ފޮއްޗަކީ ރޮދި ކައިރިކޮށް ވިޔެފައި ހުންނަ ފޮއްޗަކަށް ވާންޖެހޭނެއެވެ. އަދި ނޭވާލާން ފަސޭހަވާފަދަ ފޮއްޗަކަށް ވާންވާނެއެވެ. މާސްކްގެ ބޭރު ފަށަލަ ހަދާފައި ހުންނަންވާނީ ފަސޭހައިން ފެންނުފާއްދާ ފޮއްޗަކުންނެވެ. އަދި މާސްކް ހަދާފައި ހުންނަންވާނީ އަނގަޔާއި ނޭފަތް ރަނގަޅަށް ނިވާކޮށް ބަންދުވާގޮތަށެވެ. ބާރުވެގެން ނުވަތަ ދޫވެގެން އަބަދު އަތްލާ ރަނގަޅުކުރަންޖެހޭ ގޮތަށް މާސްކް އެޅުމަކީ ރަނގަޅުކަމެއް ނޫންކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ.

މާސްކް ބޭނުންކުރުމުގެ ކުރިން މާސްކަކީ ސާފު، ހަލާކުނުވާ އަދި ތެމިފައިނުވާ މާސްކެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި މާސްކްއެޅުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމަށާއި، އަތްދޮވެވެންނެތްނަމަ އަލްކޮހޯލް އެކުލެވޭ ހޭންޑް ސެނިޓައިޒަރއެއް ބޭނުންކޮށްގެން އަތް ރަނގަޅަށް ސާފުކުރަންވާނެއެވެ. މާސްކްއެޅުމުގައި އަނގަޔާއި ނޭފަތް ރަނގަޅަށް ބަންދުވެ ނިވާވާގޮތަށް ދަތްދޮޅީގައި އަޅުވާލުމަށްފަހު ވާގަނޑު އެއްސުން ނުވަތަ ކަންފަތުގައި އަޅުވާލުމަށް ސަމާލުވާންޖެހެއެވެ. މާސްކްއަޅާފައި ހުންނައިރު ފަސޭހައިން ނޭވާލެވޭތޯ ބެލުމަކީ މުހިއްމުކަމެކެވެ. އަދި މާސްކް އަޅައިގެން ހުންނައިރު އޭގައި އަތްލައި އުޅުމުން ދުރުހެލިވާންޖެހެއެވެ. އަތްލަންޖެހިއްޖެ ހާލަތެއްގައިނަމަ ރަނގަޅަށް އަތް ދޮންނަންވާނެއެވެ.

މާސްކްއެޅުމުގެ މަޤްޞަދު ޙާސިލުވާނީ މާސްކްއެޅުމުގެ ރަނގަޅު އާދަތައް ދަމަހައްޓައިގެންކަން އެޗް.ޕީ.އޭއިން ފާހަގަކުރައްވައެވެ. މާސްކް އެޅިކަމުގައި ވީނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް ކަމުގައިވާ ގައިދުރުކަން ބެހެއްޓުމާއި، ގިނަގިނައިން އަތްދޮވުމަށާއި، ކެއްސާ ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުމާއި، މޫނުގައި އަތްނުލުންފަދަ ކަންކަންމަތިން އަޅުގަނޑުމެން އެއްވެސް ވަރަކަށް ހަނދާން ނައްތާލައިގެން ނުވާނެއެވެ. މާސްކް ރަނގަޅުގޮތުގައި އަޅާ، ބާލާ ނުގެންގުޅޭނަމަ ބަލި ފެތުރުމުގެ ފުރުޞަތު އޮންނާނެއެވެ.