ކޯވިޑް-19

ކޯވިޑް-19 : މާސްކު ނާޅާނަމަ 1000 ރުފިޔާއިން ޖޫރިމަނާކުރަނީ


އާއްމު ތަންތަނުގައި މާސްކު ނާޅާނަމަ ހޮނިހިރު ދުވަހުން ފެށިގެން 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާކަމަށް ނެޝެނަލް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ނެޝަނަލް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، މިއަދުން ފެށިގެން ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ މާލެ ސަރަހައްދަށް އެކަނި ކަމަށެވެ. އަދި އާއްމު ތަންތަނުގައި މާސްކް އަޅައިގެން އުޅޭތޯ ފުލުހުން ބަލަމުން ގެންދާނެ ކަމަށެވެ. ޑރ. ނަޒްލާ ވިދާޅުވީ، މާސްކް އެޅުން މަޖުބޫރުކޮށްފައިވަނީ ކޯވިޑް-19ގެ ކޭސްތައް ފަހަކަށް އައިސް އިތުރުވަމުންދާތީ، މިއީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މިވަގުތު ކުރުން މުހިއްމުކަމެއްގެ ގޮތުގައި ފެންނާތީކަމަށެވެ. އަދި ހޮނިހިރު ދުވަހުން ފެށިގެން އާއްމު ތަންތަނުގައި މާސްކް ނާޅާ އުޅޭ މީހުން 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާކަމަށެވެ.

"މިރެއިން ފެށިގެން ޕޮލިހުން ބައްލަވަމުން ގެންދަވާނެ އާންމު ތަންތަނުގައި މާސްކު އަޅައިގެންތޯ އުޅެނީ. އަދި ހޮނިހިރު ދުވަހުން ފެށިގެން މާސްކު ނާޅާ އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ، އެއްހާސް ރުފިޔާއިން ޖޫރިމަނާ ކުރެވިގެންދާނެ" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ފަހަކަށް އައިސް ރާއްޖޭގައި ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ވަކިން ޚާއްސަކޮށް ދިވެހިންގެ ޢަދަދު އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާތީ، ކޯވިޑް-19ގެ ހާލަތާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ދީފައިވާ ލުއިތަކުގެ ތެރެއިން ބައެއްކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ބަލަމުންދާނެކަމަށެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 5:00އާ ދެމެދު ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅުމަކީ މަނާކަމެއްކަމުން، މިރެއިން ފެށިގެން އެކަން ތަންފީޒުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރާނެކަމަށާއި، ޒަރޫރީ ބޭނުމެއްނެތި މަގުމަތީގައި އުޅޭ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޢާއްމު ޚިދުމަތް ދިނުމުގައި އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލުމަށް ޙާއްސަ އިންސްޕެކްޝަންތަކެއް ކުރިއަށްގެންދާނެކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ކޯވިޑް-19ގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިއަހަރުގެ މާރިޗުމަހުގެ 7 ވަނަ ދުވަހުއެވެ. އެއާއެކު ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެގޮތުން މާޗްމަހުގެ 12 ވަނަ ދުވަހު ރާއްޖޭގައި ވަނީ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައެވެ. އަދި އޭޕްރީލްމަހުގެ 15 ވަނަ ދުވަހު ކޮމިއުނިޓީ ސްޕްރޭޑެއްގޮތަށް އެކެއްގެ ގައިން އަނެއްކެއްގެ ގަޔަށް މި ބަލި ފެތުރެން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް މާލެ ފުރަބަންދުކުރިއެވެ. ފުރަބަންދުގެ ތެރޭގައި ބަލި ފެތުރޭ މިންވަރު ކޮންޓްރޯލްވާން ފެށުމުން ގާތްގަނޑަކަށް 3 މަސް ދުވަހުގެ މުއްދަތަކަށްފަހު ފުރަބަންދުގެ ފިޔަވަޅުތަކަށް ސަރުކާރުން ބޮޑެތި ލުއިތަކެއްދީފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ.

މިއާއެކު ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލޭ ސަރަހައްދުގައި ކޯވިޑް-19 ފެތުރޭ މިންވަރު މިވަނީ އަނެއްކާވެސް ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައެވެ.