ޚަބަރު

ކޯވިޑް-19 : ބަލިފެތުރުމަށް މަސައްކަތްކުރާކަމަށް ބުނާ ވީޑިއޯ ފުލުހުން ތަޙްޤީގުކުރަން ފަށައިފި


ކޯވިޑް-19 ބަލި ފެތުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް ގެނެސްފައިވާތީ، އެކަން ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ކޯވިޑް ބަލީގެ އަލާމާތްތައް ހުރިކަމަށް ބުނާ މީހަކު ގޭގޭގައި މީހުން ނިދާފައި ތިބޭ ވަގުތުގައި، ގޭގޭގެ ދޮރުގައާއި ފިހާރަތަކުގެ ދޮރުގެ އަތްގަނޑުފަދަ ތަންތަނުގައި ކުޅު ހާކަމުންދާ ކަމަށް ބުނާ ވީޑިއާއެއް ސޯޝަލް މީޑިއާގައި ދަނީ، ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ ދައުރުވަމުންދާ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އަދި މި ވީޑިއޯގައި ބަލިފެތުރުމަށް މަސައްކަތްކުރާ ކަމަށް ތުޙުމަތުކުކުރެވޭ ގޮތަކަށް މީހެއްގެ ޢަމަލުތަށް ހުރުމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މި ވީޑިއޯއާއި ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައިވާ މީހެއްވާނަމަ އެކަން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕަރޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅައިގެން މަޢުލޫމާތު ޙިއްސާކުރުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.

ކޯވިޑް-19 އިގެ ބަލިމަޑުކަން ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައިވަނީ މާލޭގައެވެ. އަދި މިދުވަސްވަރު ބަލިޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ބަލި ޖެހޭ ދިވެހިންގެ އަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.