ކުޅިވަރު

ފެރަން ޓޮރޭޒް ސިޓީއަށް


ވެލެންސިއާގެ އެޓޭކިން މިޑްފީލްޑަރު ފެރަން ޓޮރޭޒް މެންޗެސްޓާ ސިޓީއަށް ބަދަލުވުމާ ވަރަށް ގާތަށް ހިނގައްޖެއެވެ.

ސްޕޭނުގެ ރިޕޯޓްތައް ބުނާ ގޮތުން ސިޓީން ފެރަން ޓޮރޭޒާއެކު އެއްބަސްވެފައިވާތާ ދުވަސްތަކެއް ވެއްޖެއެވެ.

އަދި ވެލެންސިއާއަށް 37 މިލިއަން ޕައުންޑް ދޭން ސިޓީން މިހާރު ވަނީ އެއްބަސްވެފަ އެވެ. އެއީ ވަގުތުން ދޭންޖެހޭ 25 މިލިއަން ޕައުންޑާއި އެކި ބައިބަޔަށް ބަހާލައިގެންދޭ 12 މިލިއަން ޕައުންޑެވެ.

އަންނަ ސީޒަނަށް ސިޓީ ވަރުގަދަ ކުރުމަށް ކޯޗު ޕެޕް ގާޑިއޯލާ ވަނީ 170 މިލިއަން ޕައުންޑްގެ ބަޖެޓެއް ކަނޑައަޅާފައެވެ. އެ ޓީމުން ފަސް ކުޅުންތެރިއަކު ހޯދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއީ ދެ ޑިފެންޑަރުންނާއި ދެ މިޑްފީލްޑަރުންނާއި ފޯވަޑެކެވެ.

މީގެ އިތުރުން ބްރެޒިލްގެ މިޑްފީލްޑަރު ފެނާންޑީނިއޯގެ އެއްބަސްވުން އާކުރުމަށް ސިޓީން މަސައްކަތް ކުރަމުންދާ ކަމަށް އިނގިރޭސި މީޑިޔާތަކުން ބުނެއެވެ. ނަމަވެސް މި ސީޒަނަށް ފަހު ޑޭވިޑް ސިލްވާ ކުލަބު ދޫކޮށްލާނެއެވެ.