ޚަބަރު

އިންޑިއާގެ އެހީގައި ހިންގާ 9 މަޝްރޫޢުގެ ޢަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: މިނިސްޓަރ ޝާހިދު


އިންޑިއާގެ އެހީގައި ރާއްޖޭގައި ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑީވެލޮޕްމަންޓް ޕްރޮޖެކްޓްސް"ގެ 9 މަޝްރޫޢުގެ ތެރެއިން ބައެއް ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މީގެތެރެއިން ބައެއް މަޝްރޫޢުތަކުގެ މަސައްކަތް މިހާރު ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފައި ވާއިރު، ޢަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެކަމަށް ފޮރިން މިނިސްޓްރީއިން ވިދާޅުވެއެވެ.

"ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް"ގެ ދަށުން ރާއްޖޭގެ އުތުރުން ހޯރަފުއްޓާއި އައްޑޫ ސިޓީ ހިމެނޭހެން 9 މަޝްރޫޢުތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ހިމެނެނީ ހޯރަފުށީގައި ފުޅީގައި ފެން ބަންދުކުރާ ޕްލާންޓް ޤާއިމުކުރުމާއި، އައްޑޫ ސިޓީގައި 3 ސަރަޙައްދުގައި މަސް ޕްލާންޓް ހެދުމާއި، އައްޑޫގެ ފަސް ސަރަޙައްދުގައި ފަސް އިކޯ ޓުއަރިޒަމް ޒޯން ތަރައްޤީކުރުމެވެ. މި ޕްރޮޖެންޓްތަކަކީ އިންޑިއާގެ މާލީ އެހީގައި ކުރިއަށްދެންދާ މަސައްކަތްތަކެވެ. 85 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓްތަކުގެ މަސައްކަތް އެކި މަރުޙަލާތަކުގައި ފަށާފައިވާއިރު، ކުރިން މިމަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއެކޮށްފައެވެ. މިއަދު ފޮރިން މިނިސްޓްރީގައި ބާއްވާފައި ވަނީ މިމަޝްރޫއުތަކަށް ޚަރަދުވާ ފައިސާ ރަމްޒީގޮތުން ހަވާލު ކުރުމުގެ ރަސްމިއްޔާތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވީ ޕްރޮޖެކްޓްތަކަކީ ރަށު ފެންވަރުގެ ޕްރޮޖެކްޓްތައް ނަމަވެސް، މިކަމުގެ އިޖްތިމާއީ ގޮތުންނާއި، އަދި ރަށްރަށުގެ އާމްދަނީއަށްވެސް ހެޔޮ އަސަރުތަކެއް ކުރާނެކަމަށެވެ.

"އައްޑޫ ގޭދޮށު މަސް ޕްލާންޓްތަކާއިި ހޯރަފުށީ ފެން ބަންދުކުރާ ޕްލާންޓްގެ ޢަމަލީ މަސައްކަތް ވަނީ ހަވާލުކޮށްފައި. އަދި އައްޑޫގައި ހަދާ އިކޯ ޓުއަރިޒަމް ޒޯންތަކުގެ އެއްބަސްވުންތައް ވަރަށް އަވަހަށް ހަދާނަން." ޝާހިދު ވިދާޅުވިއެވެ..

ފުޅީގައި ފެން ބަންދުކުރާ ޕްލާންޓެއް ހޯރަފުށީގައި ބެހެއްޓުުމުގެ މަސައްކަތް އަންނަމަހުގެ ފުރަތަމަ ހަފްތާގައި ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު ސަންޖޭ ސުދީރް ވިދާޅުވީ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"އަކީ ވީހާވެސް ބޮޑަށް ޢާއްމު ރައްޔިތުންނަށް ސީދާގޮތުން ފައިދާވާނެ މަގު ފަހިކޮށްދިނުމަށް ހިންގާ މަސައްކަތެއްކަމަށެވެ. މި މަސައްކަތުގެ ދަށުން ވަކި ދާއިރާއެއް ބާކީ ނުކޮށް ހުރިހާ ދާއިރާތައް ހިމެނޭހެން އެހީ ދެމުންދާކަން ސަފީރު ފާހަގަ ކުރެއްވިއެވެ.

"ޕްރޮޖެކްޓްތައް ކަނޑައަޅާފައި ވަނީ އެރަށަކަށް ނުވަތަ ސަރަޙައްދަށް އެންމެ މުހިންމު ކަންކަމަކަށް ބަލައިގެން. އިކޯ ޓުއަރިޒަމް އާއި މަސްޕްލާންޓަކީ ދެމެހެއްޓެނިވި މަސައްކަތަކަށްވެފައި، އެކަމުން އާމްދަނީވެސް ލިބިލިބި ހުންނާނެ ކަންކަން. އަދި މިއީ ރާއްޖޭގެ އެއްސަރަޙައްދަކަށް ޚިދުމަތް ހޯދުމަށް ބަރޯސާވާ ބަރޯސާވުން ކުޑަކުރުމަށްވެސް އެޅޭ ފިޔަވަޅެއް" ސަންޖޭ ސުދީރް ވިދާޅުވިއެވެ.

ރައްރަށުގައި ހިންގާ ކުދި މަޝްރޫޢުތަކަށް މިދިޔަ އަހަރުވެސްވަނީ 7 މިލިއަން ރުފިޔާގެ އެހީއެއް އިންޑިއާއިން ދީފައެވެ. މި ފައިސާއިން ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމާއި، މަގުބައްތިޖެހުމާއި، ސްކޫލްތައް ތަރައްޤީކުރުމަށް އެހީދީފައިވެއެވެ.