ޚަބަރު

ޅ.ކުރެންދޫ ނަރުދަމާގެ މަސައްކަތް ނިމި ޓެސްޓުކުރަނީ


ޅ.ކުރެންދޫ ނަރުދަމާ ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ނިމި ހަވާލުކޮށްފައިވާ ކަމުގައި އެމްޑަބްލިއުއެސްސީން ހާމަކުރައްވަފިއެވެ.

އެކުންފުނިން ވިދާޅުވީ، ނަރުދަމާ ނިޒާމްގެ މަސައްކަތް ނިމި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ހަވާލުކޮށް، ނަރުދަމާ ޓެސްޓުކުރުމަށް އެދިފައިވާކަމަށާއި ޓެސްޓުކުރުމުގެ މަސައްކަތް ނިމުމުން ނަރުދަމާ ނިޒާމް ބޭނުންކުރަން ފެށޭނެކަމަށެވެ.

ކުރެންދޫ ނަރުދަމާ އެޅުމުގެ މަޝްރޫޢުގެ ދަށުން އެރަށުގެ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކް ޤާއިމުކޮށްފައިވަނީ އެމްޑަބުލިޔުއެސްސީއިންނެވެ. އެގޮތުން 6000 މީޓަރުގެ މައި ނެޓްވޯކަކާއި 720 މީޓަރުގެ ޕަމްޕިން ލައިނެއް އަޅާފައިކަމަށް އެކުންފުނިން ވިދާޅުވެއެވެ. މީގެ އިތުރުން 2 ޕަމްޕް ސްޓޭޝަނާއި ސީ އައުޓް ފޯލް އާއި އިދާރީ ޢިމާރާތެއްވެސް އަޅާފައިވާކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ. މީގެއިތުރުން ނަރުދަމާ ނިޒާމުގެ ކަންކަން ބެލެހެއްޓުމަށް ބޭނުންވާ ޖަނެރޭޓަރު ސެޓާއި ވެހިކަލްވެސް މިމަޝްރޫޢުގެ ދަށުންވަނީ ފޯރުކޮށްދީފައެވެ. އަދި 366 ގެއެއްގައި ޖަންކްޝަން ބަހައްޓާ ނަރުދަމާގެ ކަނެކްޝަން ގުޅައި ދީ ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ޕްލޭނިންގ މިނިސްޓްރީން މިމަސައްކަތް އެމްޑަބްލިއުއެސްސީ އާއި ޙަވާލުކޮށް ޢަމަލީ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. މިމަޝްރޫޢަށް 29 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.