ހުރިހާ ބާވަތެއްގެ ތެރަޕީތަކަށް ޚާއްސަކޮށްގެން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފައްޓަވާނެކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރާއްޖޭގައި ދެމުންދާ ތެރަޕީގެ ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުގެ ނަމުގައި ޚާއްސަ ސެންޓަރެއް ޤާއިމުކުރައްވަން ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. މި ސެންޓަރ ތަރައްޤީކުރުމަށް ނިންމާފައިވަނީ ހުޅުމާލޭގައެވެ.
ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފަރުވާ ހޯދަމުންދަނީ އާންމުކޮށް ގިނަ މީހުން ޚިދުމަތް ހޯދަންދާ ހޮސްޕިޓަލްތަކުންކަމަށެވެ. ނަމަވެސް ސަރުކާރުން ނިންމަވާފައިވަނީ ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރު ޤާއިމްކޮށް އެތަނުން ޚިދުމަތްތައް ފޯރުކޮށްދިނުމަށްކަމަށާއި، އެ ސެންޓަރުން ގިނަ ތެރަޕީގެ ޚިދުމަތްތައް ލިބިގެންދާނެކަމަށާއި އަންނަ އަހަރުގެ ކުރީކޮޅު އެ ސެންޓަރުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި 2 އަހަރުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހޮސްޕިޓަލްތަކުން ޑޮކްތަރަށް ދެއްކޭނެ ނިޒާމެއް މިހާރުވެސް އޮންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ކާޑް ދެއްކުމުން އެ ޚިދުމަތެއް އަވަހަށް ލިބޭނެގޮތް ވާނެކަމަށެވެ.
"ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ އެ ހުންނަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ތަނެއްގައި މާ ގިނަ ވަގުތު ހޭދަކުރަން ދަތިވާނެ ކުދިން. އަޅުގަނޑުމެންގެ ޚިދުމަތުގެ ތެރެއިން އަވަށް ޚިދުމަތެއް ފޯރުކޮށްދެވޭނެ ނިޒާމެއް މިޙާރުވެސް ވަނީ ޤާއިމްކޮށްފައި." ސިއްހީ ވަޒީރު ޤީލާ ޢަލީ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލެއާއި އަތޮޅުތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ގިނަ އަދަދެއްގެ ތެރަޕިސްޓުންވެސް ޚިދުމަތަށް ވަނީ ނެރެފައެވެ. މިއަހަރު އެކަނިވެސް 50 ތެރަޕިސްޓުން ޚިދުމަތަށް ނެރުމަކީ ރައީސްގެ ވަޢުދެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރުވެސް ޚިދުމަތުގައި 80 ތެރަޕިސްޓުން ތިއްބެވިކަމަށެވެ. އޭގެ ތެރޭގައި ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ސައިކޯ ތެރަޕިސްޓުންނާިއ ފިޒިއޮ ތެރަޕިސްޓުންފަދަ ތެރަޕިސްޓުން ހިމެނެއެވެ.
ނޭޝަނަލް ޑިސްއެބިލިޓީ ސަރވިސް އެންޑް ތެރަޕީ ސެންޓަރުން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް ލިބިގެންދާނެއެވެ. މިސެންޓަރުގެ ޚިދުމަތް އަތޮޅުތަކަށްވެސް ފުޅާކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ބާވަތެއްގެ ތެރަޕީގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ދިނުމަށް ނިންމަވާފައެވެ. ނަމަވެސް މިނިންމުން މުރާޖާކުރައްވާ، އެޚަރަދުން ވަކި އިންސައްތައެއް ތެރަޕީ ސެންޓަރުތަކުން ފުރިހަމައަށް ޚިދުމަތްދެވޭނެ ފަދަގޮތަކަށް ހޭދަކުރުމަށް ހަމަޖައްސަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 15885 މީހަކު ރަޖިސްޓަރވެފައިވެއެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް 324 މީހަކަށް އެކި ތެރަޕީތަކަށް އެންސާޕްއިން ވަނީ ޚަރަދުކޮށްފައެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެކި ތެރަޕީތަކަށް މިދިޔަމަހު 4 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ޚަރަދުކޮށްފައިވަނީ ބިހޭވިއަރ ތެރަޕީއަށެވެ. އެއީ 1.5 މިލިޔަން ރުފިޔާއެވެ. އޮކިއުޕޭޝަނަލް ތެރަޕީއަށް 1.2 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާއިރު ސްޕީޗް ތެރަޕީއަށްވެސް 1.2 މިލިޔަން ރުފިޔާ ވަނީ މިދިޔަ މަހު ޚަރަދުކޮށްފައެވެ.